މައްސަލައިގެ ތުހުމަތުކުރެވޭ އެތައްބަޔަކު ހިމެނޭތަނަކަށް ތަފްސީލު ދިނުމީ ތަޙްޤީޤު ފުޑާލުން: ރަޒިޔަންދު

މައްސަލައިގެ ތުހުމަތުކުރެވޭ އެތައްބަޔަކު ހިމެނޭތަނަކަށް ތަފްސީލު ދިނުމީ ތަޙްޤީޤު ފުޑާލުން: ރަޒިޔަންދު

Author
މުޙައްމަދު ޝަޒައިމް
12 މެއި 2021 02:02
0

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތުހުމަތު ކުރެވޭ އެތައް ބަޔަކު ހިމެނޭ އިދާރާއަކަށް އެމައުލޫމާތު ދިއުމަކީ ތަހުގީގު ފުޑާލުމަށް ކުރެވުނު މަސައްކަތެއްގެ ގޮތުގައި ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ތަހުގީގީ އިދާރާތަކުން މިހާތަނަށް ކުރަމުންދިޔަ ތަހުގީގުތަކުގެ މައުލޫމާތައި، ވަކިވަކި މީހުންނާއި ގުޅޭގޮތުން ބަލަމުންދިޔަ ހުރިހާ މައްސަލައެއް ވަނީ ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރައްވާފައެވެ. މިޖިލީހުން ވަނީ ޚިޔާނާތުގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ލިބިފައިވާ ގޮތަށް އާންމު ކުރުމަށް ނިންމާފައެވެ.

މަޖިލީހަށް މިމައުލޫމާތު ދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމި ނިންމުމާއި ގުޅޭގޮތުން ޒަރިޔަންދު ވިދާޅުވީ މިމައްސަލާގައި އެންމެ ބޮޑަށް ޝާމިލުވާ މީހުން ހިމެނޭ މުއައްސަސާއަށް މިމައުލޫމާތުތައް ދިނުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. ކޮމިޝަނުން ރިޕޯޓް ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާއިރު، މިމައލޫމާތުތައް މިކަމުގައި ތުހުމަތުކުރެވޭ ގިނަބަޔަކު ހިމެނޭ މަޖިލީހާއި ހިއްސާ ކުރުމަކީ ކޮމިޝަނުން ހެދި ވަރަށް ބޮޑު ގޯހެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ އެސެޓްރިކަވަރީ ރިޔާސީ ކޮމިޝަންއަކީ އެ ކޮމިޝަންއިންބަލާ މައްސަލަތައް ތަޙްޤީޤުކުރުމަށްފަހު ރައީސަށް ރިޕޯޓުކުރަންޖެހޭ ތަނެއް، ބަލަމުންދާ މައްސަލައެއްގައި ތުހުމަތުކުރެވޭ އެތައް ބައެއް ހިމެނޭ ތަނަކަށް މައްސަލައިގެ ތަފްސީލުދިނުމަކީ، ތަޙްޤީޤު ފުނޑާލުން.

– ޒަރިޔަންދު ވިދާޅުވިއެވެ.

މަޖިލިސް ކޮމިޓީން ޚިޔާނާތުގެ ލިސްޓް މިއަދު އާންމު ކުރުމަށް ނިންމާފައެވެ. އަދި މިމައްސަލާގައި ޝާމިލުވާ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް މަޤާމުތަކުން ވަކިކުރުމަށް ވަނީ ކޮމިޓީން ލަފާ ދީފައެވެ.

އާންމުކުރަން ނިންމި ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.