ފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުރެވުނު އެންމެބޮޑު ޚިޔާނާތް ކަމުގައިވާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ އެއްވެސް މިންވަރަކަށް ލިބިފައިވާނަމަ ވަގުތުން އިސްތިއުފާ ދެއްވީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ލިސްޓުގައި މިހާރު ލީކްވެފައިވާ ލިސްޓުގައި ޝަރީފަށް ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން އެގެން އޮވެއެވެ. މިލިސްޓަކީ އަދި ޞައްޚަ ލިސްޓަކަށް ނުވާއިރު، ލިސްޓާއި ގުޅިގެންނާއި މިކަމާއި ގުޅިގެން ދެކެވޭ ވާހަތަކާއި ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއްވެސް ފައިސާއެއް ލިބިފައިވާނަމަ ވަގުތުން މަޤާމުން އިސްތިއުފަ ދެއްވީސް ކަމަށެވެ. އަދި މަޖިލީހުގައި އެނާ މީގެ ކުރިންވެސް އަދި މިހާރުވެސް ވޯޓު ދެމުން ގޮސްފައިވަނީ ޕާޓީގެ ވިޕް އަންގާ ގޮތަކަށް ކަމަށެވެ.
އަޅުގަނޑު ތީން އެއްވެސް ފައިސާއެއް ލިބިފައިވާނަމަ އަޅުގަނޑު ވަގުތުން އިސްތިއުފާ ދިނީމުސް. ވަކި މީހަކަށް ޓާގެޓްކޮށްގެން ސިޔާސީ ބޭނުމަށް ކޮށްފައިވާ ކަމެއް ތިޔައީ. މަޖިލިސްގައި އަޅުގަނޑު ވޯޓް ދީފައިވާނީ އަޅުގަނޑުގެ ޕާޓީގެ ވިޕްއާއި އެއްގޮތަށް. ރެކޯޑް ބައްލަވާ ލެއްވީމަ އެކަން ސާފުވާނެ.
– ޝަރީފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު 281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި، ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އެކުވެގެން އުފައްދާވައިވާ ޖޮއިންޓް ކޮމިޓީން ބަލަމުންދާ އެމްއެމްޕީއާރުސީ ޚިޔާނާތުގައި ޝާމިލުވާ މީހުންގެ ލިސްޓު ސަބްކޮމިޓީގެ ރިޕޯޓާއިއެކު އާންމު ކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މިހާރު ސަބްކޮމިޓީގެ ރިޕޯޓުގައި ލަފާދީފައިވަނީ ދައުލަތުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން މަޤާމުތަކުން ވަކި ކުރުމަށާއި، ފަޅުރަށްތަކުގެ މައްސަލަތައްވެސް ވީހާވެސް އަވަހަށް ނިންމުމަށް ލަފާ ދީފައިވާނެކަމަށެވެ. އާންމުކުރަން ނިންމި ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ