ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ރާއްޖެ ފުރަބަންދަކަށް ދާންޖެހިދާނެތީ އެކަމަށް ތައްޔާރުވެ ތިބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަންގައިފިއެވެ.
ރޭ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ހާލަތު އޮތް ގޮތުން ފުރަބަންދަކަށް ދިއުމަކީ އެކަށީގެންވާ ކަމަކަށްވާތީ ދުރާލައި އެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ކުރިއަށް ވުރެ ހަރުކަށި އުސޫލު ގެންގުމާއި އަދި ކުރިން ފުރަބަންދަށް ދިޔައިރު އަމަލުކުރި އެންމެހައި އުސޫލުތަކަށް މިހާރު އަމަލު ކުރަމުންދާކަމަށެވެ.
ލޮކްޑައުންއަކަށް ރާއްޖެ ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ މަަސައްކަތް ފައްޓާފައި.
– މަބުރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން ލޮކްޑައުންއަކަށް ރާއްޖެ ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމުގެ މަސައްކަތް އެޗްޕީއޭއާ ހަވާލު ކުރެވި އެ އެޖެންސީން އެ މަސައްކަތް މިހާރު ފަށާފައިވާ ކަަމަށް މަބުރޫކް ވިދާޅުވިއެވެ.
ފުރަބަންދުގެ އަޑު ގަދަވެފައިވާއިރު މިއަދު ފެށިގެން މާލެ ސަރަހައްދުގެ ކާފިއުގެ ވަގުތު ހަވީރު 4:00އަށް އަވަސްކޮށް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމާއެކު ކޯވިޑް-19ގެ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. މާލެ ސަރަޙައްދުގައި މިހާއު އޮތް ކާފިއު މިއަދުން ފެށިގެން އިތުރު ހަފްތާއެއްގެ މުއްދަތަށް އިތުރުކޮށް، ކާފިއު ފެށޭވަގުތު މިވަނީ އަވަސްކޮށްފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން މިސަރަޙައްދުގައި ހަވީރު 4 އިން ފެށިގެން ފަތިހު 4 އާ ހަމައަށް ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތަކެއްވެސް އެޗްޕީއޭއިންވަނީ އަޅުއްވާފައެވެ. އެގޮތުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުރިމުގެ ކަންކަން ހުއްޓާލުމަށް އަންގައި މިފަދަ ތަންތަނުން ޓެކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ދިނުމުގެ ހުއްދަ އެޗްޕީއޭއިންވަނީ ދެއްވާފައެވެ. ޕޮލިސް ޕަރމިޓްއާއެކު ޑެލިވަރީގެ ޚިދުމަތްދެވޭނީ މެންދަމު 12 ޖެހުމާ ހަމައަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިގައިޑްލައިނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅާ އެފަދަ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދުކުރާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނައިރު މިމަސް ފެށުނީއްސުރެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުޅެނީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 500އިން މަތީގައެވެ. އަދި ވޭތުވެދިޔަ 2 ރޭވެސް ޕޮޒިޓިވްވާ މިންވަރު ހުރީ 1000އިން މަތީގައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ދިހަހާހަށްވުރެ މީހުންނަށް އަންނީ ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ