ކުރު ވާހަކަ: އަސަރު

ކުރު ވާހަކަ: އަސަރު

ދެލޯފުރި އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލަދެނީ ގާތުގައި ހުރި ނަރުސްކުއްޖާއެވެ. މެޝިންތަކުން އިވޭ އަޑާއި، ބަލި މީހުންގެ ކުކުރުމުގެ އަޑު ފިޔަވައި، މުޅިތަނުގައި ވަނީ މަރުގެ ހަމަހިމޭންކަމެވެ. އަހަރެންވެސް މިއޮތީ ދެލޯހުޅުވާލާނެ ވަރު، ނެތިފައެވެ. ހުން ބުރާންތިވެފައެވެ. ކަރުތެރެއިން ފުއްޕާމެއަށް ލައްވާފައިވާ ހޮޅިއާއިއެކު ހާދަ ތަދަކާއި ވޭނެއް އެބަ އިހްސާސްކުރަމެވެ. އަހަރެން ކިރިކިރިޔާ ދިރިމިއޮތީ ލައިފް ސަޕޯޓްގެ އެހީގައެވެ. ވާހަކަ ނުދެއްކުނަސް އިހްސާސްތަކާއި އަސަރުތައް ސިކުނޑިއެބަ ދެނެގަނެއެވެ.

އަހަރެން ފަދައިން މިހާލުގައި ކިތައް މީހުން މިތާ އެބައޮތް ހެއްޔެވެ؟ ކިތައް މީހުން މަރުވެގެން ސަހަރާއަށްވެސް ގެންގޮސްފިހެއްޔެވެ؟ އަހަރެންނާއި މެދު ޤުދުރަތު ނިޔާކުރާނީ ކޮންގޮތަކަށް ހެއްޔެވެ؟ ހޭހުސްވަމުން ހޭވެރިކަން ވަމުންދާ މިވަގުތުވެސް ހިތަށް ހާދަ އަސަރެއް އެބަކުރެއެވެ. ހާދަ އެބަ ރޮމެވެ. ހިތާހިތުން ދުޢާކުރެވެނީ ދަރީންނާއި އަނބިމީހާގެ ހާލަށްޓަކައެވެ. އަހަރެންގެ ހާލަށްޓަކައެއް ނޫނެވެ.

ކޯވިޑް-19ގެ ބަލިމަޑުކަން ފެށުނީއްސުރެ ބަލިއެނދަށް އަހަރެން ވެއްޓުމާއި ހަމައަށް، އަހަރެން މިބައްޔާއި މެދު މާބޮޑު ސަމާލުކަމެއް ނުދެމެވެ. މާސްކު އެޅީވެސް ފުލުހުން ޖޫރިމަނާކުރާތީއެވެ. ސިއްޙީ ޚިދުމަތްތެރިންގެ ބަސް އަޑުނާހައި އަހަރެންވެސް ދެކުނީ މިއީ ހަމަ އާދައިގެ ރޯގާއެއް ކަމަށެވެ.

ޓީވީތަކަށް އަރައި ސިއްޙީ ޚިދުމަތްތެރިން ދެއްކި ވާހަކައަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދުމަތިވަމުން ދިޔައިރު އެކަމާ މެދަށް ކަންބޮޑެއް ނުވެއެވެ. އެއްދުވަހެއްގައި ބަލީގައި 8 މީހުން ނިޔާވެދިޔައިރުވެސް ހިތަކަށް އެއްޗެއް ނާރައެވެ.

އަހަރެން އުޅުނީ ބޭރުތެރޭގައެވެ. ބާޒާރުމައްޗާއި މާރުކޭޓުތަކުގައެވެ. މުދާއުފުލައި ފިހާރަޔަށް ގެންދާށެވެ. ބައްޔާއިއެކު އަހަރު ދުވަސްވީ އިރުވެސް އަތްދޮންނާކަށް އާދައެއް ނުވިއެވެ. މޫނާއި ނޭފަތުގައި އަތްނުލާން ބުނާ ހަނދާނެއްނެތެވެ. ކޯވިޑް-19ފެށި އަހަރު ދުވަސްވިއިރު އަހަރެންނަކަށް ބައްޔެއް ނުޖެހެއެވެ. އެހެންވެ އަހަރެން ނިންމައިގެން ހުރީ އަހަރެންނަކީ ދިފާއީ ނިޒާމް ވަރުގަދަ މީހެއް ކަމަށެވެ. ފަޚުރުވެރިކަމާއިއެކު ރައްޓެހިންގާތުގައި ބުނަމުން ދިޔައީވެސް އެހެންނެވެ. ގޭގެ އެންމެން ޕޮޒިޓިވްވި އިރުވެސް ބަލި ނުޖެހި ސަލާމަތްވީ އަހަރެންނެވެ. އަހަރެންގެ ދެކުދިންނާއި އަނބިމީހާ ތިބީ ރަށުގައެވެ. އެމީހުން ރަށަށް ފޮނުވީ، ކޯވިޑާއިއެކު ދިމާވި، މާލީ ދަތިކަމުގެ ސަބަބުންނެވެ. މާލޭގައި ކުއްޔަށް ދިރިއުޅެން ދަތިވެގެންނެވެ.

އަނބިމީހާ އާއި ދަރީން ރަށަށް ފޮނުވާފައި އަހަރެން ބަދަލުވީ ބޮޑުބޭބެމެންގެ ގެއަށެވެ. އެގޭގެ އެންމެ ޕޮޒިޓިވްވީ އޭގެ ފަހުންނެވެ. އެ އެންމެން ރަނގަޅުވެ، ތިންމަސްވެސް ވީފަހުން ބަލި މިޖެހުނީ އަހަރެންނަށެވެ، އެނގެއެވެ. ބަލިޖެހުނީ އަހަރެން ނުބަލައި އުޅުނީމައެވެ. އިރުޝާދުތަކަށް ތަބާނުވީމައެވެ.

ބަލީގައި އައިސީޔޫގައި އަހަރެން އޮންނަތާ 2 މަސްވެއްޖެއެވެ. ޒުވާން އުމުރުގައިވެސް ބަލީގެ އެންމެ ސީރިއަސް ހާލަތުގައި އަހަރެން މިއޮންނަނީ ކަށްވަޅުގެ ތުންފަތްމަތީގައެވެ. ފަހަރުގައި މަރުވެދާނެއެވެ. ނުވަތަ ގަދަ ވެދާނެއެވެ. އުއްމީދު މިކުރަނީ ކަލާނގެ ރަޙުމަތަށެވެ.

ދެލޮލުން ކަރުނަ އޮހެނީ މިވޭނަކަށް ނޫނެވެ. މިބައްޔާއިއެކު ދެން އުފުލަން ޖެހޭ އެހެން ވޭންތަކަށެވެ. މީހުން ހީކުރެއެވެ. މިއީ އާދައިގެ ރޯގާއެކެވެ. އެކަމަކު މިރޯގާގައި ހަށިގަނޑުގައި އަޅާ ވޭނަށްވުރެ ހިތާ ސިކުނޑީގައި އަޅާވޭން ބޮޑެވެ. އަހަރެން ކަހަލަ ނިކަމެތީންނަށެވެ. ކުދިންނާއި ވާހަކަ ނުދެކެވި އަނބިމީހާ އާއި ވާހަކަ ނުދެކެވި ހާދަ ދުވަހެއް ވެއްޖެއެވެ. އެމީހުންގެ ހާލެއް ނޭނގެއެވެ. ކުދީން ތިބީ ކައިގެން ކަމެއް ނުވަތަ ނުކައި ކަމެއް ނޭނގެއެވެ. އަހަރެންނަށް މަސައްކަތެއް ނުކުރެވޭތާ 2 މަސްވީއެވެ. އަނބިމީހާއަށް ލާރިއެއް ދޭނޭ މީހަކު ނުހުންނާނެއެވެ. ކުދިންނަށް ކާންބޯންދޭން އޭނާއަށް އެހީވާނެ މީހަކު ނުހުންނާނެއެވެ.

ރަމަޟާންމަހެއް ނިމެނީއެވެ. އީދެއް ފެށެނީއެވެ. ކޮންމެ އަހަރަކު އީދު ހެދުމެއް ލިބުނަސް މި އީދަށް އައު ހެދުމެއް ނުލިބޭނެއެވެ.  ޔަޤީނެވެ. ކުދިން އަނބިމީހާ ގާތުގައި ސުވާލު ކުރާނެއެވެ. ބައްޕަ ފޮނުވި އީދުހެދުން ކޮބައިތޯއެވެ. އީދު ނަމާދަށްދާން ބައްޕަ އަންނާނެތޯއެވެ. އަނބިމީހާ ކުދިންނަށް ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ބައްޕަ އޮތީ ކޯވިޑް ފެސިލިޓީގައި އެޑްމިޓްކޮށްފައޭ ބުނަން ކެރޭނެ ހެއްޔެވެ؟ ބައްޕަ އޮތީ ކަށްވަޅުގެ ތުންފަންމަތީގައި ބުނާނެހާ ހިތްވަރު ހުންނާނެހެއްޔެވެ؟ ދެން ދުވަހަކުވެސް ބައްޕަ ނުފެނިދާނެއޭ ބުނަން ކެރޭނެ ހެއްޔެވެ؟ އޭނާ ހާދަ ރޯނެއެވެ. ހާދަ ވަރަކަށް ގިސްލާނެއެވެ. މިވީ ދެމަސް ދުވަސް އޭނާ ވޭތުކުރީ ކިހިނެއް ހެއްޔެވެ؟

އަހަރެންނާއި ނުލައި އަހަރެންގެ ދަރީން ހާދަ އެކަނި ވާނެއެވެ. އެކުދިން ޔަތީމު ވާނެއެވެ. އެހީވާނީ ކާކުހެއްޔެވެ؟ ހާލު ބަލައިލާނީ ކާކު ހެއްޔެވެ؟ ނުހަނު ފުދިގެން ދިރިއުޅެމުން އައި ދެކުދީން މާލެ ދޫކޮށް ރަށަށް ބަދަލުވާން ޖެހުމުންވެސް ޝަކުވާކުރިއެވެ. ކުލާސްކުދިންނާއި، ރައްޓެހި އެހެން ކުދިންނާއި، ވަކިވާން ޖެހޭތީއެވެ.

އެކުދިން ހޭނިފައި ވަނީ މާލޭގެ މާހައުލަށެވެ. މާލޭގެ ޕާކުތަކާއި ހެދިގޮނޑު ދޮށަށެވެ. ރިޒޯޓުތަކުގައި ހޭދަކުރެވޭ ޗުއްޓީ ދަތުރުތަކަށެވެ. ރަށްފުށުގެ މާހައުލަށް އެކުދިން ބީރަށްޓެހިވާނެއެވެ. ދިރިއުޅުމުގެ މިއަޑިގަނޑު ހަތަރު އަހަރާއި ހައަހަރުގެ ކުޑަދެކުދީން ކަޑައްތު ކުރާނީ ކިހިނެއްހެއްޔެވެ؟ ދުނިޔެ އާއި ހާލަތަށް އަންނަ ބަދަލު އެކުދިންގެ ސިކުނޑިތަކަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟

ބައްޕަނެތި ދަރިޔަކު ދިރިއުޅޭނެ ހިތްދަތި ދިރިއުޅުން އަހަރެންނަށް ނޫނީ ދެން ވިސްނޭނީ ކާކަށް ހެއްޔެވެ؟ ލޮލުގެ ކުރިމަތީގައި ބައްޕަ މަރުވެ ދިޔަ ހަނދާން އަހަރެން އެބަހުއްޓެވެ. އެއީ އަހަރެންގެ އުމުރުން ހަ އަހަރުގައެވެ. އެދުވަހު ގޯތިތެރޭގައި ހުރި ފަތްޖެހި އެނދެއްގައި ބަލިވެ އަހަރެން އޮތީ ހުމާއެވެ. މަންމަ އިނީ އަހަރެންގެ ގައިގައި ފެންފޮތިހާކާށެވެ. ކައިރީގައި ހުރި ރުކަކަށް ބައްޕަ އެރީ، ކުރުނބައެއް އަޅާށެވެ. ނަސީބު ދެރަކަމުން ބައްޕަ ރުކުން ވެއްޓުނީއެވެ. ވެއްޓި ހަމަޖެހުނު ގޮތަށް މަރުވީއެވެ.

މަންމަ އާއިއެކު އަހަރެން އުޅެ ބޮޑުވީ ހާދަ ހިތްދަތި  ދިރިއުޅުމެއްގައެވެ. އަޅާލާނެ ބައްޕަޔަކު ނެތުމުންނެވެ. ސްކޫލަށް ދަނީ ފޯރާ އާއިލާތަކުގެ ކުދިން ލައި ބާކުރާ ޔުނީފޯމު ހޯދައިގެނެވެ. ބޫޓު ނެތިގެން ސްކޫލުން ގެއަށް ފޮނުވާލީ ކިތައް ދުވަހު ކަމެއް ހަނދާންވެސް ނެތެވެ. ގުރޭޑް 10 އާއި ހަމައަށް ކިޔަވާފައި އޯލެވެލް ނުހަދައި ސްކޫލުން ވަކިވާން ޖެހުނީ، އޯލެވެލް ފީ ދައްކައިދޭނެ މީހަކު ނެތިގެންނެވެ. ޔަތީމުހާލުގައި އަހަރެން އުޅުނު ނިކަމެތި ދިރިއުޅުނު ފަދައިން އެފަދަ ހާލެއްގައި އަހަރެންގެ ދެދަރީން ދިރިއުޅެން ޖެހޭކަށް ނޭދެމެވެ. އަހަރެންނަށް ކިރިޔާ ކަންކަން ވިސްނޭވަރުވާންދެން ކާފަ ދުނިޔޭގައި ހުއްޓެވެ. އެކަމަކު އަހަރެންގެ ދަރީންނަށް ސަހަރޯވެރިވާނެ ކާފައެއްވެސް ނެތެވެ. އެކުދިން ދުނިޔެއަށް ނާންނަނީސް އެމީހުން ދުނިޔެ ދޫކޮށް ހިނގައްޖެއެވެ.

އަހަރެން ދިރިހުންނަން ޖެހޭނެ ކަމާއި ބަލިން ސަލާމަތްވެގެން ދިރިއުޅެން ދަސްކުރަން ޖެހޭނެކަން ކުރިން ނުވިސްނުނީ ކީއްވެގެން ބާވައެވެ. އަހަރެން ބަލި އެނދަށް ވެއްޓިއްޖެ ނަމަ އަހަރެންގެ ދަރީންނަށް ޖެހިދާނެ ނިކަމެތި ހާލަށް ނުވިސްނުނީ ކީއްވެބާވައެވެ. މިކަރުނަ އޮހެނީ އެކަމަށްޓަކައެވެ. ބަލީގެ ވޭނުގައި އެކަންޏެއް ނޫނެވެ. އެނގެއެވެ. އަހަރެން މަރުވެއްޖެނަމަ، މޫނު ދެކެލުމުގެ ނަސީބުވެސް އެކުދިންނަށް ނުލިބޭނެއެވެ. ވަދާޢުގެ އެންމެފަހުގެ ސަލާމުގެ ތިންމުއްވެލީގެ ހަދިޔާކުރަންވެސް އެކުދީންނަށް ނާދެވޭނެއެވެ. އަހަރެންގެ ސަންދޯއް އުފުލާނީ އަހަރެންގެ އެންމެ ގާތްމީހުންގެ ކޮނޑުމަތީގައެއް ނޫނެވެ. ނުވެސް ދަންނަ ނުވެސް ދެކޭ އަދި  ކާކުކަންވެސް ނޭނގޭ ބައެއްގެ ކޮނޑުމަތީގައެވެ.

މިއީ އަހަރެންގެ އަތުން ލިޔުނު އަހަރެންގެ ތަޤުދީރެވެ. ފަހަރެއްގައި އަހަރެން ފަރުވާ ބަހައްޓައިގެން ދިރިއުޅުނު ނަމަ މިނޫން ދުވަހެއް ކަލާނގެ މިންވަރު ކުރެއްވީސް ކަން ނޭނގެއެވެ. މިއީ ކަލާނގެ މިންވަރުކުރެއްވި ގޮތޭ ބުނެ ގަޟާ ޤަދަރާއި މައްޗެއް ނުކުރެވޭނެއެވެ. އަހަރެމެންނަށް އިޚުތިޔާރު ލިބުނެވެ. ފުރުޞަތު ލިބުނެވެ. އެކަމަކު ނުވިސްނުނީއެވެ. އަހަރެން ފަދައިން ވިސްނާނުލައި ދިރިއުޅޭ އަދި ކިތައް ބައްޕައިން ތިބޭނެ ބާވައެވެ. ދަރީންނާއި އާއިލާ އާއި މައިންބަފައިން އޭނާ އާއި ނުލައި ދިރިއުޅެން ޖެހޭ ދުވަހެއް އަތުވެދާނެ ކަމާއި މެދު ވިސްނުމާއި ފިކުރު ހިންގާނުލައި ދިރިއުޅޭ ކިތައް ބައްޕައިން ތިބެދާނެ ބާވައެވެ.

ބަލިޖެހުނީ އަހަރެންނަށެވެ. ބަލީގެ ވޭން މިއުފުލަނީ އަހަރެންނެވެ. ދިރިހުރުމާއި މަރާއި ދެމެދު މިހަނގުރާމަކުރަނީ އަހަރެންނެވެ. އެކަމަކު އަހަރެން ބަލިވުމުން އަހަރެންގެ އާއިލާއަށް މިޖެހުނީ ކިހައި ނިކަމެތި ހާލެއް ހެއްޔެވެ؟ އަދި އަހަރެން މަރުވެއްޖެ ނަމަ ކިހައި ނިކަމެތި ހާލެއް ޖެހޭނެ ހެއްޔެވެ؟

ވަށައިގެން ނަރުސް ކުދިންތައް ހޭލަ މޭލަ އެބަވެއެވެ. އަހަރެންގެ ލޮލުން ހުއްޓުމެއް ނެތި ފައިބާ ކަރުނަތައް އެކުދިން އެބަ ދެކެވެ. ދޭތެރެއަކުން އައިސް ކަރުނަތަށް ފޮހެލާނެއެވެ. ހިއްވަރު ކުރާށޭ ބުނާނެއެވެ. ލަހެއް ނުވެ ބަލިން ގަދަވެދާނެ ކަމުގެ އުއްމީދު އާކޮށްދޭނެއެވެ.

ދުރުން އައި ނަރުހަކު ބުނި އަޑު އިވުނެވެ. ފެސިލިޓީ ފުރިއްޖެއެވެ. ދެން އިތުރު ބަލިމީހަކަށް ގުޅާނެ ވެންޓިލޭޓަރެއް ލައިފް ސަޕޯޓް މެޝިނެއް ނެތެވެ. ގަދަވެދާނެ ކަމުގެ އުއްމީދެއް ނެތް މީހުން ލައިފް ސަޕޯޓުން ނަގައި މަރުވާން ދޫކޮށްލަން ޖެހިއްޖެއެވެ.

އަހަރެން ދިރިއޮތް ކަމުގެ ނިޝާނަކީ އަހަރެންގެ ލޮލުން އޮހޭ ކަރުނައެވެ. ހިތުގައި ހިނގާ އިހްސާސްތަކެވެ. ސިކުނޑީގައިވާ އަސަރުތަކެވެ. އެކަމަކު އެކަން ބަޔާންކޮށްދެވޭނެ ހިއްވަރެއް އަހަރެންގެ ޖިސްމަކު ނެތެވެ.

ކައިރީގައި ހުރި ނަރުހަކު ބުނި އަޑު އިވުނެވެ. ލައިފްސަޕޯޓް މެޝިން ކަނޑާލައިފިނަމަ އަހަރެން މަރުވެދާނެއެވެ. ކިޑްނީ އާއި ފުއްޕާމޭ ފެއިލްވެއްޖެއެވެ. އެކަމަކު ސިކުނޑި އަދި ދިރިއެބަހުއްޓެވެ. ފަހަރެއްގައި ފެއިލްވި ގުނަވަންތައް އަލުން މަސައްކަތް ކުރަން ފަށައިފާނެއެވެ. އެކަމަކު އެއީ އެއް ޕަސެންޓްގެ ޗާންސެކެވެ.

ހާލަތު ގޯސްވެ ފަރުވާދޭންވީ ބަލި މީހުން އިޚުތިޔާރުކުރަންޖެހޭ ހިސާބަށް އައީއެވެ. މާކުރިންވެސް މިއިންޒާރުގެ އަޑު އަހަރެންނަށް އިވުނެވެ. އެކަމަކު އަހަރެން ހީކުރީ އެމީހުންގެ ތެރޭގައި އަހަރެން ނުހިމެނޭނެ ކަމަށެވެ. މިއަސަރާއި މިހިތްދަތިކަން ބަޔާންކޮށްދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެން މަރުވެ ވަޅުލީމާ، ދުނިޔެއަށް މިއަސަރުތައް ގެއްލުނީއެވެ. ދެން އަނެއްކާވެސް މިއެނދުގައި މި މެޝިނުގައި އޮންނާނީ އެހެން މީހެކެވެ. ހަމަ މިއިހްސާސްތަކާއި މިއަސަރުތަކާއި އެކުގައެވެ.

ހިތާމައިގެ މިރޭގަނޑު ހާދަ ދިގުވެއްޖެއެވެ. އެކަމަކު އަދިވެސް މިރޭގެ ދިގުކަން އޮތީ ކުރިއަށެވެ. މިބަލިމަޑުކަމުން ދުނިޔެ ސަލާމަތްވާނެ ހިނދަކާއި ހަމައަށެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *