ކުޅުދުއްފުށިސިޓީ ގައި ކޯވިޑް-19 ފެތުރޭތީ އެޗް.އޯ.އީ.ސީގެ ޚާއްސަ ޓީމަކުން އެކަމާބެހޭ ކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނިންމެވުމާ ގުޅިގެން އެކަމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައިފިއެވެ.
ނައިބް ރައީސް ވަނީ މިއަދު ޓީމް އެކުލަވާލާ މިޓީމުގެ ބައިވެރިންނާއި ބައްދަލު ކުރައްވާފައެވެ. އަދި އެ ސިޓީއަށް އެޗް.އޯ.އީ.ސީގެ ޓެކްނިކަލް ބޭފުޅުން ހިމެނޭގޮތަށް ޓީމެއް ފޮނުއްވުމަށް ވެސް ވަނީ ނިންމަވާފައެވެ. ޚާއްސަ ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދަވާއިރު ކުޅުދުއްފުށި ސިޓީގައި މުހިއްމު ކަންތައްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ރޭއްވެވުމަށް މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައިވެއެވެ.
"ކުޅުދުއްފުށިސިޓީއަކީ ހަތްދިހަ ހާސް މީހުންގެ އާބާދީއަކަށް ކޭޓަރ ކުރާ އެ ސަރަހައްދުގެ އިޤްތިޞާދީ ހަބް ކަމަށް ވާއިރު ކަންކަން އެކަށައެޅުއްވުމުގައި އިޤްތިޞާދީ ގޮތުން އަދި އިޖްތިމާއީގޮތުންވެސް މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރައްވާ، މިކަންކަން ކުރައްވާ އިރު ހަނދާނުގައި ބަހައްޓަވާތި ދިވެހި ދައުލަތަށް އެންމެ މުހިއްމީ ކޮންމެ ރައްޔިތެއްގެ ސިއްޙަތުކަން" ނައިބު ރައީސް ވިދާޅުވިއެވެ.
މިހާރުގެ ޙާލަތަށް ބަލާ އެކި އިދާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށް އިދާރާތަކުން ވަނީ ވިދާޅުވެފައި، އަދި އެއްވެސް ރައްޔިތަކު ކަންބޮޑުވެވަޑައި ނުގަތުމަށާއި މިކަމުގައި ސިއްހީ މާހިރުންނާއި ހުރިހާ އިދާރާތަކެއް ގުޅިގެން އަޅަންވާ ފިޔަވަޅުތައް ދުރާލާ އެޅި އިތުރަށް ފެތުރުނުނަ ނުދިނުމަށް މިހާރުވެސް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާނެ ކަމުގެ ޔަޤީންކަން ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުންނާއި އިދާރާތަކުން ވަނީ ދީފައެވެ.
ކުޅުއްދުއްފުށިން ކޯވިޑް19 އަށް ޕޮޒިޓީވްވާ މީހުން އިތުރުވަމުންދާއިރު އެރަށުގައިވަނީ މިކަމުގެ ކަންބޮޑުުވުން އިތުރުވެފައެވެ. އަދި މިހާތަނަށް އެރަށުން ވަނީ 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮމެންޓު ފޮނުވާ