މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މާލެ ސަރަހައްދު ފުރަބަންދު ކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ނިންމާފައިވާކަމަށެވެ.
އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައި މިވަނީ މާލެ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް ރެކޯޑް ޢަދަދަކަށް އިތުރުވެފައިވަނިކޮށެވެ. އެގޮތުން ފާއިތުވި ދެ ދުވަހުވެސް ރިޕޯޓްކޮށްފައިވަނީ1000އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސްތަކެވެ. މިއާއެކީ ކޭސްތަކުގެ އަދަދު ދަށް ނުވާނަމަ ފުރަބަންދަކަށް ދާންޖެހިދާނެކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.
މާލެ ސަރަހައްދުގައި ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި ކިންޑަރގާޓްން އިން ފެށިގެން ގްރޭޑް ބާރައާއި ހަމައަށް ކިޔަވައިދޭ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ފަށާފައިވާ އޯލެވެލް އިމްތިހާނު ކުރިއަށްދާނެއެވެ. އަދި ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުމަށްވެސް ވަނީ ނިންމާފައެވެ.
މާލޭ ސަރަޙައްދުގައި ވެހިކަލް ދުއްވުން މަނާކުރުމުގެ އިތުރުން، ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އަދި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށްވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މި މުއްދަތުގެ ތެރޭގައި ޕާކުތަކާއި މައިޒާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ދުވާ ޓްރެކްތަކާއި، ސްވިމިންގ ޓްރެކްތައްވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ޚާއްސަ ހުއްދައިގެ ދަށުން ކުރިއަށްގެންދާ ކުޅިވަރު މުބާރާތްތައް ފިޔަވާ، ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް މަނާވާނެއެވެ.
މިހާރެކޭވެސް އެއްގޮތަށް ހުއްދަޔާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ މަސައްކަތްތައްކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާވާނެއެވެ.
މީގެ އިތުރުން ކަރަންޓީން މުއްދަތު ވަނީ10 ދުވަހުން14 ދުވަހަށްވެސް އިތުރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ