އަޅުގަނޑު ހުންނާނީ އަބަދުވެސް ތިޔަބޭފުޅުންނާއިއެކު: ނަޝީދު

އަޅުގަނޑު ހުންނާނީ އަބަދުވެސް ތިޔަބޭފުޅުންނާއިއެކު: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
11 މެއި 2021 04:35
0

ކޮންމެ ހާލެއްގައި ވިޔަސް އަބަދުވެސް ހުންނަވާނީ ރައްޔިތުންނާއި އެކުގައިކަމަށް މިދިޔަ ބްރާސްފަތި ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ފަރުވާހޯދަމުންދާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ދެމުންދާއިރު އެމަނިކުފާނު އަންނަނީ ލިބުނު އަނިޔާތަކުން ރިކަވާ ވަމުންކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ކުރިން ޑޮކްޓަރުން ލަފާކުރި މިންވަރަށްވުރެ އަވަހަށް ރައީސް ނަޝީދު ރިކަވަރީހުރިކަން އާއިލާއިންވެސް ވަނީ ފާހަގަކުރައްވަައެވެ.

ހޮސްޕިޓަލުގައި ރައީސް ނަޝީދަށް ފަރުވާ ދެމުންދާއިރު އެމަނިކުފާނުގެ އިރިހަށް ގިނަ ބަޔަކު ގެންދަނީ ޒިޔާރަތް ކުރަމުންނެވެ. ނަމަވެސް ހުއްދަ ލިބޭ ވަކިބަޔަކަށް ނޫނީ މިވަގުތު އެމަނިކުފާނާއި ބައްދަލު ކުރުމަށް ހުއްދަ ނުދެއެވެ. ރައީސް ނަޝީދާއި ބައްދަލު ކުރެއްވުމަށްވުމަށްފަހު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ބައްދަލުވެ ވާހަކަ ދެއްކުމުން ރައްޔިތުންނަށް ސަލާމް އަރިސް ކުރަން ދެންނެވިކަމަށެވެ. އަދި ކޮންމެ ހާލެއްގައިވެސް ހުންނެވީ ރައްޔިތުންނާއި އެކުގައިމަމަށް ދެންނެވުމަށް ވިދާޅުވެފައިވާކަމަށެވެ.

ރައީސް މުހައްމަދު ނަޝީދާއި ވާހަކަ ދައްކާލުމުގެ ފުރުސަތު މިއަދު އަޅުގަނޑަށް ލިބުނު. ރައީސް ނަޝީދު ތިޔަ އެންމެ ބޭފުޅުންނަށް ވަރަށް ވެދުން ދެންނެވި. އަދި އަބަދުވެސް ތިޔަބޭފުޅުންނާއި އެކުގައި ހުންނަވަނާނެ ކަމުގައި ދަންނަވަން ވިދާޅުވި.

– ހަސަން ލަތީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުންދާއިރު އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދިއުމުގެ މަސައްކަތް އާއިލާއިން މިހާރު ދަނީ ކުރަމުންނެވެ. މިމަހުގެ 6 ވަނަދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އެގާއި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.

ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ، ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށްް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހާދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފަރާލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.