ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ކުރިންވެސް ޝެޑިއުލް ކޮށްފައިވާ ގޮތަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.
ރޭ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ކައުންސިލަރުން ހުވާކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން އެއިދާރާއިން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިޔާތު 17ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން އަންގާފައިވާނެކަމަށެވެ.
ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ މިހާލަތުގައި ހުވާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ހުވާކުރުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުން ކަނޑައެޅުމުގެ ކަންކަންވެސް ހަމަޖެހިފައިވާކަމަށާއި، އެރަށެއްގައި ފަނޑިޔާރަކު ނެތްނަމަ ކައިރީގައި ހުރި ރަށަކުން ފަނޑިޔާރަކު އޮންލައިންކޮށް ހުވާ ލައިދިނުމުގެ ކަންކަން ހަމަޖެހިފައިވާކަމަށެވެ. މިފަހަރުގެ ރަސްމިޔާރުގައި އާންމުން ބައިވެރިވާނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ކަމަށާއި، އޮންލައިންކޮށް މިރަސްމިއްޔާރުތައް ލައިވް ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްކުރަންޖެހުމުން މިހާރު ކައުންސިލްތަކުގެ ދައުރު ދިގުކޮށް، ލާމަރުކަޒީ ޤާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ޤާނޫނުގައި ބުނާގޮތުން މިހާރު ތިއްބެވި ކައުންސިލަރުން އާ ކައުންސިލަރުން ހުވައިކުރުމާ ހަމައަށް ދެމިތިބޭނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.
މިއިންތިޚާބުގައި ވެރިކަން ކުރާ މައިޕާޓީ އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ކާމިޔާބު ކުރެވުނީ 325 ގޮނޑިއެވެ. މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 2،73،128 މީހަކަށް ލިބިގެންވާއިރު، ވޯޓުލީ 1،86،253 މީހެކެވެ. މިއީ %68.19 އެވެ. މާލޭގައި ވޯޓުލާން ނުކުތީ ޝަރުތު ހަމަވާ މީހުންގެ %39 އެވެ.
ކޮމެންޓު ފޮނުވާ