އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި މީހުން މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ހުށައަޅުއްވައިފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. އެ ލިސްޓްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު281 މީހެއްގެ ނަން ވަނީ ހިމަނާފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް މިރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުން މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ ސަރުކާރުގެ މަޤާމުތަކުގައި މިހާރު ތިެއްބެވި މީހުންނަށްކަމަށާއި، ސަބަބަކީ އެމީހުން މަޤާމުގައި ތިބެގެން ތަހުގީގަށް ނުފޫޒް ފޯރުވުމާއި، ދައުލަތުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ފުރުޞަތު އޮތުމުންކަމަށެވެ.
އެހެންކަމުން ތަހުގީގީ އިދާރާތަކަށް އެމީހުންގެ މައްޗަށް ދައުވާކުރެވޭނެ ވަރަށް ހެކި ނެތްނަމަވެސް އަދި ދައުވާ ސާބިތު ނުކުރެވުނުނަމަވެސް އެމީހުން ސަރުކާރުގެ މަޤާމުތަކުން ދުރުކުރުމަށް މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށައެޅުއްވިއެވެ.
މި ކޮމިޓީ ބައްދަލުވުމުގައި އީވާ ވަނީ ފައިނޭންޝަލް ކްރައިމްސް ހުއްޓުވުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ކޮމިޓީން ލަފާދޭ ކަންކަމުގެ ގޮތުގައި ހިމެނުއްވުމަށްވެސް ހުށައަޅުއްވާފައެވެ.

އީވާގެ މި ހުށައެޅުމަށް ވަނީ ތާޢީދުވެސް ލިބިފައެވެ. އެގޮތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ އީވާގެ ހުށައެޅުމަށް ތާޢީދުކުރައްވާފައެވެ. ޙިސާން ވެސް ވަނީ ކޮރަޕްޝަންގެ ފައިސާ ލިބިފައިވާ މީހުން ދައުލަތުގެ މަޤާމުތަކުގައި ތިބުމަކީ ދައުލަތުގެ އެކި ކަންކަމަށް ނުފޫޒު ފޯރުވާނެކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އެމީހުން މަޤާމުތަކުގައި ތިބުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމީހުން ދުރުކުރުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އަވަސްކުރުމަށް ހިސާންވެސް ގޮވާލެއްވިއެވެ.
ޙިސާން ވިދާލުވީ އެމީހުންގެ މައްޗަށް ޖިނާޢީ ދައުވާ ސާބިތު ވާވަރަށް ހެކި ނެތްނަމަވެސް، ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށް ދައުވާކުރެވޭނެކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ފާހަގަކޮށްފައިވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ މީހުން ސަރުކާރުގެ މަޤާމުތަކުން ދުރުކުރުމަށް ކޮމިޓީަށް ހުށައަޅާފައިވާއިރު، މި މައްސަލަ ބަލާ ބަސް ކޮމިޓިގެ މަސައްކަތްތައް މާދަމާގެ ނިޔަލަށް ނިންމުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އެއަށްފަހު އެ ކޮމިޓީގެ ރިޕޯޓް ފޮނުވާނީ މައި ކޮމިޓީއަށެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓް ކޮމިޓީން ވަނީ ސިއްރުކޮށްފައެވެ. އެ ލިސްޓް ޢާންމު ނުކުރުމަށް މެންބަރުނ ދަނީ ބާރުއަޅަމުންނެވެ.
ކޮމެންޓު ފޮނުވާ