އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް މެޗު ކުޅުމަށް ރާއްޖެއައި އިންޑިއާގެ ބެންގަލޫރް އެފްސީ، އޭއެފްސީ ކަޕުގެ ޕްރޮޓޮކޯލާ ހިލާފުވުމުން ޕްލޭއޮފް މެޗު ނުކުޅެވުމުން ރާއްޖެއިން ފުރައިފިއެވެ.
ބެންގަލޫރު އެފްސީ ފުރީ އިންޑިގޯގެ ފްލައިޓަކުން މިއަދު ހަވީރު 5 ޖެހިއިރުއެވެ. އެ ޓީމު އެނބުރި ދިއުމުގެ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ އަމިއްލަ އަށް ކަމަށް އޭއެފްސީން ވަނީ އަންގައިފައެވެ.
އިންޑިއާގެ ބެންގަލޫރް އެފްސީ މިދިޔަ ހުކުރު ދުވަހު ރާއްޖެ އައީ އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ ޕްލޭއޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް ދެކޮޅަށް މެޗު ކުޅުމަށެވެ. ބެންގަލޫރް ރާއްޖެ އައިސް ކޭމްޕްކުރީ ހޮޓެލް ޖެންގައެވެ.
ރާއްޖޭގައި ކޯވިޑް-19 ގެ ކޭސްތައް ކަންބޮޑުވާ މިންވަރަށް އިތުރުވުމާއި ގުޅިގެން އޭއެފްސީ ކަޕުގެ މެޗުތައް ކުޅުމަށް ސަރުކާރުން ދީފައިވަނީ ހާއްސަ ހުއްދައެކެވެ. މި ހުއްދައިގެ ދަށުން ޓީމުތައް އުޅެން ޖެހޭނީ ވަރަށް ހަރުކަށި އުސޫތަކަކަށް ތަބާވެގެންނެވެ. އެގޮތުން ޓީމުތައް ކޭމްޕްކޮށްފައިވާ ހޮޓަލުން ނުކުމެވޭނީ ހަމައެކަނި ފަރިތަކުރުންތަކަށާއި މެޗު ކުޅުމަށް އެކަނި ދަނޑަށް ދިއުމަށްކަމަށް އޭއެފްސީ ކަޕަށް އެކުލަވާލި ޕްރޮޓޮކޯލްގައި ވަނީ ބުނެފައެވެ.
ނަމަވެސް ބެންގަލޫރު އެފްސީގެ ދެ ކުޅުންތެރިއަކާއި އޮފިޝަލަކު ހޮޓަލުން ބޭރުގައި އުޅެނިކޮށް ނަގަފާއިވާ ފޮޓޯތަކެއް ރާއްޖޭގެ ބައެއް މީޑިއާތަކުން ހާމަކުރުމާއި ގުޅިގެން މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. މިކަމާއި ގުޅިގެން އަޙްމަދު މަޚްލޫފް ވަނީ ބެންގަލޫރު ޓީމުގެ ފަރާތުން ފެނިގެންދިޔައީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކޮވިޑުގެ އުސޫލާ ޚިލާފުވި މައްސަލާގައި ބެންގަލޫރު ޓީމު ވަގުތުން ރާއްޖެ ދޫކޮށް ފުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ބެންގަލޫރު އެފްސީން މުބާރާތުގެ ޕްރޮޓޮކޯލް އާއި ހިލާފުވުމުން އެ ޓީމުގެ ސީއީއޯ ޕާތު ޖިންދާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު، ބަހަނާއެއް ދެއްކެން ނެތް އަމަލަށް ކުލަބުގެ ފަރާތުން މާފަށް އެދޭ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ބެންގަލޫރް އެފްސީން މުބާރާތުގެ ޕްރޮޓޮކޯލް އާއި ހިލާފުވުމުން ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ވަނީ ޕްލޭއޮފް މެޗު މިމަހުގެ 11 ވަނަ ދުވަހު ރާއްޖޭގައި ނުކުޅެވޭނެ ކަމަށާއި، ގްރޫޕް ސްޓޭޖުގެ މެޗުތައްވެސް ފަސްކުރުމަށް އޭއެފްސީގައި އެދުމަށް އެފްއޭއެމްގައި އެދިފައެވެ.
މަހްލޫފްގެ މި އެންގުމާއި އެއްގޮތަށް އެފްއޭއެމުން އޭއެފްސީގައި އެދުމުން އިއްޔެގެ މެންދުރުގެ ވަގުތެއްގައި އޭއެފްސީން ވަނީ ޕްލޭއޮފް މެޗާއި އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރިކަން އިޢުލާންކޮށްފައެވެ.
މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ކުރިން އޮތީ ތާވަލުކޮށްފައެވެ.