އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ މީހުންނަކީ ކޮބައިކަން ލަސްނުކޮށް ރައްޔިތުންނަށް އެގެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ޝިފާއު މިހެން ވިދާޅުވެފައިވަނީ މަޖިލީހަށް މިލިސްޓުލިބި ލިސްޓުގައިވާ މީހުންގެ ނަންތައް ހާމަކުރުމަށް މިމައްސަލަ ދިރާސާކުރާ ކޮމިޓީގެ މެމްބަރުން ދެކޮޅު ހައްދަވާތީ ގިނަ ބަޔަކު ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ. ޝިފާއު ވިދާޅުވީ މިމައްސަލާގައި ހިމާޔަތްކޮށް ފޮރޮވަންޖެހޭ އެއްވެސް މީހަކު ހުރެގެން ނުވާނެކަމަށެވެ. އަދި މިކަމުގައި ފޮރުވަންޖެހޭ އެއްވެސް ކަމެއްވެސް އޮވެގެން ނުވާނެކަމަށާއި، ހުރިހާކަމެއް ރައްޔިތުންނަށް ތިލަކޮށް ސާފުވެ ލިސްޓުގައިވާ މީހުންގެ ނަންތައް އެގެންޖެހޭކަމަށް ޝިފާއު ވިދާޅުވިއެވެ.
އެމް އެމް ޕީ އާރު ސީ ގެ ހިޔާނާތުގައި ބައިވެރިވި ފަރާތްތައް ރައްޔިތުންނަށް ލަސްނުކޮށް އެގުން މުހިއްމު. ހިމާޔަތް ކުރަންޖެހޭ އެއްވެސްމީހަކު ނުހުންނާނެ. ފޮރުވަންޖެހޭ އެއްވެސްކަމެއް އޮވެގެން ނުވާނެ. ވަގައްނަގާފައިވަނީ ރައްޔިތުންގެ އެތައް 100 މިލިއަން ރުފިޔާ. އަބަދުވެސް ވައްކަމާދެކޮޅު.
– ޝިފާއު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު އާންމުކުރުމަށް ގޮވާލުމަކީ ޒިންމާދާރު ގޮތެއް ނޫންނަކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ މިހެން ވިދާޅުވީ މިލިސްޓު މަޖިލީހަށް ފޯރުކޯށްދިން އެސެޓް ރިކަވަރީ ކޮމިޝަނުން މި ލިސްޓު ސިއްރު ކުރުމަށް އެދުމުންނެވެ.
މެމްބަރު ވިދާޅުވީ ރައީސް އުފައްދަވާފައިވާ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކޮށް، އޭގައި ހުރި މައުލޫމާތު ސިއްރުކޮށްދިނުމަށް އެދުމުން އެކަން ކޮށްދޭން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޖިލީހަށް ލިބޭ ލިޔުންތަކުގެ ސިއްރުކަން ހިފަހައްޓަން ޖެހޭ ހާލަތުގައި ހިފަހައްޓަން ޖެހޭނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
މިމައްސަލާގައި ގިނަ ބަޔަކު ދަނީ ލިސްޓު އާންމު ކުރުމަށް ގޮވާލަމުންނެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނާއި ގުޅޭގޮތުން މުޢާމަލާތުކޮށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ