ކޯވިޑްގައި މިއަދު ދެވަނަ މަރެއް، އަދަދު 86 އަށް

ކޯވިޑްގައި މިއަދު ދެވަނަ މަރެއް، އަދަދު 86 އަށް

Author
މުޙައްމަދު ޝަޒައިމް
10 މެއި 2021 01:34
0

ކޯވިޑް ބަލިޖެހިގެން ދެވަނަ މީހަކު މިއަދު ނިޔާވެއްޖެއެވެ.

މި ބަލީގައި މިއަދު ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މި މީހާ ނިޔާވެފައިވަނީ ހާލު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު 04:00 ހާއިރުއެވެ.

މިބަލީގައި ދެން މިއަދު ނިޔާވީ ބ. އޭދަފުށީ މީހެކެވެ. އޭދަފުށިން ނިޔާވެފައިވަނީ އުމުރުން 85 އަހަރުގެ ފިރިހެނެކެވެ. މި މިހާ ދިރިއުޅުމުން ދިޔަ ގެއިން ކޯވިޑް ކޭހެއް ފެނިގެން އެ ގެ އޮތީ މޮނީޓަރިންނަށް ލާފައެވެ. މިމީހާ މިއަދު ހެނދުނު ނިޔާވެގެން ހޮސްޕިޓަލަށް ގެނެސް ޓެސްޓް ހެދިއިރު އޭނާ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

މިއީ ބ. އަތޮޅުން މިބައްޔަށް ޕޮޒިޓިވްވެގެން ނިޔާވި 2 ވަނަ މީހާއެވެ. އެންމެ ފުރަތަމަ މީހަކު ނިޔާވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ ތުޅާދޫގައި ހޯމްކަރަންޓީންގައި ހުރި އުމުރުން 59 އަހަރުގެ ފިރިހެނެކެވެ. އޭދަފުށިން މިދިޔަ މަހުގެ 19 ވަނަދުވަހު ކޯވިޑް ކޭސްތަކެއް ފެނުމަށްފަހު މިހާރު އެރަށުން 193 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

މި މަރާއި އެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 86އަށް އަރާފައެވެ. މިހާތަނަށް އައިއިރު މި ބަލީގައި ނިޔާވެފައިވަނީ 73 ދިވެހިންނާ، 13 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.