ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިން ގޮތުގެ ތަފްސީލީ ރިޕޯޓެއް ރައީސްއަށް ފޮނުވައިފި

ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިން ގޮތުގެ ތަފްސީލީ ރިޕޯޓެއް ރައީސްއަށް ފޮނުވައިފި

Author
މުޙައްމަދު ޖިމީ
10 މެއި 2021 11:11
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިން ގޮތުގެ ރިޕޯޓެއް މިހާރު ލިބިވަޑައިގެންފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ، އެ ހަމަލާއާއި ގުޅޭ އެއްވެސް އިންތެލިޖެންސް މަޢުލޫމާތެއް ލިބިފައިނުވާކަމަށެވެ. މިއާއެކު ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސްއާއި ގުޅޭގޮތުން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާޒުވިއެވެ.

މިއާއެކު ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުންނާއި ސިފައިންގެ އިންޓަލިޖެންސް ޚާއްޞަ އޮޑިޓެއް ހަދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޢަމުރުކުރައްވާފައެވެ. އަދި އެމްއެންޑީއެފް އިން ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭ ގޮތާއި ގުޅޭގޮތުން ރިޕޯތެއް އެކުލަވާލާ ހިއްސާކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

އިންޓެލިޖެންސްގެ ޚާއްޞަ އޮޑިޓެއް ހަދަން ރައީސް ޢަމުރުކުރައްވައިފި

ރައީސް ވިދާޅުވީ، އެމްއެންޑީއެފް އިން ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދެމުން އައިގޮތުގެ ތަފްސީލީ ރިޕޯޓެއް މިހާރު ލިބިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ރައީސް ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. ރައީސް ވިދާޅުވީ، މިވަގުތު ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުންކަމަށެވެ.

މިވަގުތު ދިވެހި ސަރުކާރުގެ އެންމެމުހިންމު އެއް އަމާޒަކީ މި ނުރައްކާތެރި ޓެރަރިސްޓު ޙަމަލާ ދިން މީހުން ހޯދައި އެމީހުން އިންސާފްގެ ކުރިމައްޗަށް ގެނައުން ކަމަށާ، މިމައްސަލައިގެ ތަހްޤީގަށް ބޭނުންވާ ހުރިހާ ވަޞީލަތެއް ތަޙްޤީޤީ އިދާރާތަކުން ބޭނުންކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކަމާބެހޭ ބޭރުގެ ތަޖްރިބާކާރުން މިތަޙްޤީގުގައި ބައިވެރިވެވަޑައިގެން އެހީތެރިވެދެއްވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓް ހަމަލާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޓެރަރިސްޓުންގެ ބޭނުމަކީ އަޅުގަނޑުމެންގެ މެދުގައި ބިރުވެރިކަން އުފައްދައި އަމަން އަމާންކަން ނަގާލައި ސުލްހަވެރިކަން ނައްތާލުން ކަމަށާ، އެކަންކަން ކުރާކަށް މިސަރުކާރުން ފުރުސަތު ނުދެއްވާނެކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ3 މީހަކު ހައްޔަރުކޮށްފައެވެ. އަދި ރައީސް ނަޝީދަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.