ބޮން ގޮއްވާލި މައްސަލާގައި ކޯޓުގައި ވަކާލާތުކުރައްވާނީ ޕީޖީ ޝަމީމް!

ބޮން ގޮއްވާލި މައްސަލާގައި ކޯޓުގައި ވަކާލާތުކުރައްވާނީ ޕީޖީ ޝަމީމް!

Author
މުޙައްމަދު ޖިމީ
10 މެއި 2021 10:52
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އަމިއްލަފުޅަށްކަމަށް ކޯޓުގައި ވަކާލަތު ކުރައްވަން ނިންމަވައިފިއެވެ.

މިދޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވަނީ އެމަނިކުފާނު ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަނިކޮށެވެ. ބޮން ހަރުކޮށްފައި އޮތީ ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި ޕާކް ކޮށްފައިހުރި ސައިކަލެއްގައެވެ. އަދި މިހަމަލާއާއި ގުޅިގެން ތިން މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ސައިކަލުވެ ވެރިމީހާއާއި، ބޮން ގޮއްވާލި މީހާވެސް ހިމެނެއެވެ. އަދި މިއީ މި މައްސަލައިގެ އެންމެ ކުރީޚޮޅޫކަމުން އަދި ދައުވާކުރަން ނިންމާފައެއް ނުވެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، މި މައްސަލާގައި އަމިއްލަފުޅަށް ކޯޓަށް ވަޑައިގެން ވަކާލަތު ކުރައްވަން ނިންމެވީ، މި މައްސަލައިގެ ސީރިއަސްކަމުންކަމަށެވެ.

މި މައްސަލާގައި ޕީޖީ އަމިއްލަފުޅަށް ކޯޓަށް ވަޑައިގެން ވަކާލާތުކުރައްވަން ނިންމެވިއިރު، ބައެއް އެހެން މައްސަލަތެއްގައިވެސް މީގެކުރިން ޕީޖީ ޝަމީމް ކޯޓުގައި ވަކާލާތުކުރައްވާފައިވެއެވެ. ނަމަވެސް ޕީޖީ ޝަމީމް ކޯޓުތަކަށް ވަޑައިގެން ވަކާލާތުކުރައްވަނީ މަދު މައްސަލަތެއްގައެވެ.

ބުރާސްފަތި ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހައްޔަރު ކުރެވުނު 3 މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އެމީހުންގެ މައްޗަށް އުފުލާނީ ޓެރަރިޒަމްގެ ދައުވާއެވެ.

މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރައި ވަޑައިގަންނަވަނިކޮށް، އެމަނިކްފާނަށް އަމާޒުކޮށް ދިން ހަމަލާގައި ލިބުނު ޒަޚަމްތަކަށް ނަޝީދު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ.

ނަޝީދަށް އަމާޒުކޮށް ޓަރަރިސްޓް ހަމަލާ ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ، ބޮން ގޮއްވާލުމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި، މއ. ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައިވަނީ، ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުންކުރި ސައިކަލުގެ ވެރިފަރާތް ކަމަށް ބުނާ މީހާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.