ރާއްޖެއިން އިތުރު 1091 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ކޯވީޑް ކޭސްތައް މިއަދު އިތުރުވެފައިވަނީ ނަތީޖާ ނުލިބިހުރި ބެކްލޮގް ނުވަތަ ނަތީޖާ ނުދެވިހުރި ސާމްޕަލްތައް ހުސްކުރުމަށް ކުރި މަސައްކަތުންކަމަށެވެ. އެގޮތުން ކުރީ ދުވަސްތަކުގެ ސާމްޕަލްތަކުގެ ނަތީޖާވެސް މިއަދު ހިމެނޭކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 1091މީހަކު ވަނީ ކޯވިޑް ޕޮޒިޓިވްވެފައެވެ. މާލޭ ސަރަޙައްދުން އެކަނިވެސް 933މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 147މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 6މީހަކާއި، ސަފާރީތަކުން 3 މީހަކާއި، ތަރައްޤީކުރަމުން އަންނަ ރަށްތަކުން ޕޮޒިޓިވްވި 2 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 35،815އަށް އަރާފައެވެ.
ރާއްޖޭން ފަހަކަށް އައިސް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ވަނީ ރެކޯޑް ޢަދަދަކަށް އިތުރުވާން ފަށާފައެވެ. އެގޮތުން 500 އިން މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރާތާ މިހާރު މިވަނީ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައެވެ. އަދި ދުވަހެއް ދުވަހަކަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 307މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 26،299މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 9،423މީހުން ފަރުވާ ހޯދަމުންދާއިރު 250 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،507ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 84 މީހުން ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ