އިތިއޯޕިއާ އިން ރާއްޖެ އައި މީހެއްގެ އަތުން ޖުމްލަ 3.413 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ އޭޕްރީލް 25 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 30 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެއް، އޭނާ ރާއްޖެއައިސްފައިވާ ރޫޓް އަދި އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، މިމީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިވާކަމަށެވެ.
އަދި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން (Cocaine) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.413 ކިލޯގުރާމް ހުރިކަމަށެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 10,239,000.00 (ދިހަ މިލިއަން ދެލައްކަ ތިރީސްނުވަ ހާސް) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި 2021 އޭޕްރީލް 25 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލު ކުރެވިފައިވާކަމަށް ކަސްޓަމްސް އިން ބުނެއެވެ.
ކޮމެންޓު ފޮނުވާ