ނަޝީދަކީ ހިތްވަރު ގަދަ ބޭފުޅެއް، ތަހުގީގް ވަރަށް ފުޅާކޮށް ކުރިއަށް ގެންދަން: ރައީސް

ނަޝީދަކީ ހިތްވަރު ގަދަ ބޭފުޅެއް، ތަހުގީގް ވަރަށް ފުޅާކޮށް ކުރިއަށް ގެންދަން: ރައީސް

Author
މުޙައްމަދު ޝަޒައިމް
09 މެއި 2021 04:05
0

ރައީސް ނަޝީދަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދީފައިވާ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ތަހުގީގް ވަރަށް ފުޅާކޮށް ކުރިއަށް ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހި ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ހުންނަވާ މީޑިއާތަކާއި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރައީސް ނަޝީދާއި ދެކެވުނު ވާހަކަތަކުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އަނިޔާތަކަށް ބަލާއިރު ހިތްވަރު ގަދަކަން ވަރަށް ބޮޑަށް ފެނިގެން ދިޔަކަމަށެވެ. އެމަނިކުފާނަކީ މިފަދަ ކޮންމެ ކަމެއްގައި ހެތްވަރު ނެރުއްވައި ކާމިޔާބާއި ހަމަޔަށް ދިއުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާދިސާއާއި ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީއާއި، ރާއްޖޭގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުންދާކަމަށެވެ. އެ އެންމެންނަށްވެސް ދަންނަވަން އޮތީ ކެތްތެރިކަމާއިއެކު މިކަމުގައި އެމީހަކަށް ދެވެން އޮތް އެހީތެރިކަން ދެއްވުމަށް ކަމަށެވެ. މިކަމުގައި އެންމެބޮޑު އެހީތެރިކަމެއް ދެވޭނީ އެމްޑީޕީގެ މެމްބަރުންނަށް ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ މި ހަމަލާގެ ތަހުގީގް ކުރިއަށް ގެދްނަނީ ހަމައެކަނި މިކަމުގައި ޝާމިލުވި މީހުންނާއި ހަމައިން ނިންމާލާ ގޮތަކަށް ނޫންކަމަށެވެ. މިކަމުގައި ބައިވެރިވާ އެންމެން ތަހުގީގުގެ ކުރިމައަށް ހާޒިރު ކުރުމަކީ އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނެކަމަށެވެ. ރައީސް ނަޝީދަކީ އެމް.ޑީ.ޕީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހިތްވަރުދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއްކަމަށާއި، މިފަދަ ނުރައްކާތެރި ޙަމަލާތަކުން ޤައުމު ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޚާއްސަކޮށް އެމްޑީޕީގެ ސަޕޯޓަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހިތްވަރު ކުރައްވާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއި ކުރިމަތިވި މި ކަންތައްތަކުގައި، ދެން މިފަދަ ކަމެއް ވިޔަނުދިނުމަށްޓަކާ އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. ރައީސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅެއް. މިއަދުވެސް ދެއްކެވި ވާހަކަތަކުން ވަރަށް ބޮޑަށް އަޅުގަނޑަށް އެކަން ޔަޤީންވެގެންދިޔަ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން އެމަނިކުފާނަށް ހަމަލާދިން މައްސަލާގައި ޝައްކުކުރެވޭ 4 މީހުން ތިބިކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އޭގެތެރެއިން 3 މީހުން މިހާރު މިވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ފުރަތަމަ ފަހަރަށް ބަޔަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.