ރޭގަނޑު 21:00އިން ފެށިގެން ބްރިޖް ބަންދުވާނެ: ފުލުހުން

ރޭގަނޑު 21:00އިން ފެށިގެން ބްރިޖް ބަންދުވާނެ: ފުލުހުން

Author
މުޙައްމަދު ޖިމީ
09 މެއި 2021 03:05
0

ރޭގަނޑު 21:00އިން ފެށިގެން ސިނަމާލެ ބްރިޖް ބަންދުކުރާނެކަމަށާއި، އޭގެ ކުރިން ދަތުރުތައް ނިންމުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ކޯވިޑް-19ގެ ކޭސްތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެ، ބަލިން ރައްކާތެރިވުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަފައެވެ. އެގޮތުން ރޭގަނޑު21:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގާ އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ޑެލިވަރީ ކުރުމުގެ ހުއްދަ ކެފޭ ރެސްޓޯރަންޓް ތަކަށް މެންދަމު 3:00 އާ ހަމައަށް ލިބިގެންދާނެކަމަށެވެ. އަދި ފިހާރަތަކުން ޑެލިވަރީ ކުރުމުގެ ހުއްދައަށް ޕޯޓަލް މެދުވެރިކޮށް އެދުމުން ރޭގަނޑު 12:00 އާ ހަމައަށް ޑެލިވަރީ ކުރުމުގެ ހުއްދަ ލިބިގެންދާނެކަމުގައެވެ. އަދި ގޭހާއި ފެން ޑެލިވަރީ ކުރުމުގެ ހުއްދަވެސް ހަމަޖެހިފައިވާ ވަކި ގަޑިތަކެއް ވަންދެން ލިބިގެންދާނެ ކަމަށާއި ޓެކްސީ ސެންޓަރުތަކަށްވެސް ވަކި އަދަދަކަށް ހުއްދަ ދީފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޓެކްސީއަށް އަރާ މީހާއަކީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ލިބިގެން ޓެކްސީއަށް އަރާ މީހެއްތޯ ބަލައިދިނުމަކީ އެ ޓެކްސީއެއްގެ ޒިންމާއަކަށް ހަދައިދިނުމަށް އެދިލެއްވިއެވެ. އަދި ދަމުނަމާދަށް މިސްކިތަށްދާނަމަ ފައިމަގުގައި ދިއުމަށް އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން، ފެރީގެ ހިދުމަތާއި ބަސް ދަތުރުތަކުގެ ހިދުމަތްވެސް ބަދަލުކޮށްފައިވާ ކަމަށާއި އެ ބަދަލުތަކާ އެއްގޮތަށް އާންމު ރައްޔިތުން އަމަލުކުރުމަށް އިލްތިމާސްކުރެވިއެވެ. އަދި ބަސް ދަތުރުގެ އެންމެ ފަހު ދަތުރު މިހާރު އޮންނާނީ ރޭގަނޑު 9:00 އާ ހަމައަށް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އޮފީސްތަކުގެ މަސައްކަތްތަކާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގައިވެސް 9:00 އާ ހަމައަށް މަސައްކަތްތައް ނިމޭނެގޮތަށް މަސައްކަތްތައް ބައްޓަން ކުރުމަށް އެދިލެއްވިއެވެ.

އަދިވެސް އޭގެ އިތުރުން، ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޖިމްތައްވެސް ބަންދުވާނެ ކަމަށާއި، މަގުމައްޗަށް ނިކުމެވޭ ގަޑިތަކުގައި ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް ޖަމާވާ މަންޒަރު ފެންނަމުންދާ ކަމަށާއި ގިނަ އަދަދަކަށް ކުޑަކުދިންވެސް މަގުމައްޗަށް ނެރޭ މަންޒަރު ފެންނަ ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ކުޑަކުދިން މަގުމައްޗަށްނެރެ މީހުން ގިނަވާ ތަންތަނުގައި އެ ކުދިން ނުގެންގުޅުމަށް ބެލެނިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި މާރުކޭޓާއި ބާޒާރުމަތީގައިވެސް ގައިދުރު ކަމެއްނެތި މާސްކުނާޅައި ބިދޭސީންނާއި ދިވެހިންވެސް އުޅެމުންދާ ކަމަށާއި އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންގުންތައް ތަންފީޒުކުރުމަށްޓަކައި، ފުލުހުންގެ އިދާރީ މަސައްކަތްތައް ވަކިގޮތަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ހާއްސަކޮށް މާލެ ސަހަރައްދުގައި ވީހާވެސް ގިނަ ފުލުުހުން މަގުމައްޗަށް ނެރެގެން މަސައްކަތް ކުރަމުންދާ ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުން ސަލާމަތްވެ ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމުގައި ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.