އިންޓެލިޖެންސްގެ ޚާއްޞަ އޮޑިޓެއް ހަދަން ރައީސް ޢަމުރުކުރައްވައިފި

އިންޓެލިޖެންސްގެ ޚާއްޞަ އޮޑިޓެއް ހަދަން ރައީސް ޢަމުރުކުރައްވައިފި

Author
މުޙައްމަދު ޖިމީ
09 މެއި 2021 02:53
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުންނާއި ސިފައިންގެ އިންޓަލިޖެންސް ޚާއްޞަ އޮޑިޓެއް ހަދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޢަމުރުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލު ކައިރީގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސަލާމަތީ ކަންކަމާގުޅޭ ދިރާސާއެއް ހެދުމަށް މިހާރުވެސް ކަމާބެހޭ ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަކަމުން ދިޔަގޮތާއި، އެކަމުގެ ތަފްޞީލީ ރިޕޯޓެއް މިއަދުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފުން އެމަނިކުފާނާއި ހިއްސާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ޙަމަލާއާއި ގުޅިގެން ފުލުހުންނާއި، ސިފައިންގެ އިންޓެލިޖެންސާބެހޭ ޚާއްސަ އޮޑިޓެއް ހެދުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ރިޕޯޓުގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލާ، ބަދަލުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑު ރޭގައި ނެޝެނަލް ސެކިއުރިރޓީ ކައުންސިލާއެކީ ބައްދަލުކޮށްފައި ނިންމައިފިން އެމްއެންޑީއެފާއި ޕޮލިސްގެ އިންޓަލިޖެންސްގެ އޮޑިޓެއް ހެދުމަށްޓަކާ. އޭގައި ރަނގަޅުކުރަން ހުރީ ކޮން ކަންތައްތަކެއްތޯއާއި، އަދި މިވަރު ކަމެއް ވެގެންދިޔައިރު އިންޓެލިޖެންސާއި ހިސާބަށް މިކަން ތިލަވެގެން ނައި ސަބަބާއި، ނޭންގުނީ ކީއްވެގެންތޯއާއި މި ހުރިހާ އެއްޗެއް ބަލާފައި، އަޅުގަނޑަށް ޤަބޫލުކުރެވުނީ އިންޓެލިޖެންސް މިއަށްވުރެ ވަރުގަދަކުރަންޖެހޭކަމަށް.

– ރައިސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅުއްވާނެކަމަށެވެ. އަދި ރައީސް ނަޝީދަކީ އެމް.ޑީ.ޕީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަން ހާމަކުރައްވާ ރައީސް ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހިތްވަރުދެއްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއްކަމަށާއި، މިފަދަ ނުރައްކާތެރި ޙަމަލާތަކުން ޤައުމު ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއި ކުރިމަތިވި މި ކަންތައްތަކުގައި، ދެން މިފަދަ ކަމެއް ވިޔަނުދިނުމަށްޓަކާ އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. ރައީސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅެއް. މިއަދުވެސް ދެއްކެވި ވާހަކަތަކުން ވަރަށް ބޮޑަށް އަޅުގަނޑަށް އެކަން ޔަޤީންވެގެންދިޔަ. އަޅުގަނޑުމެން ހަމަގައިމުވެސް މިތިބީ މި ދިމަވާ ކަންތައްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކާ ކުރެވެން އޮތް ހުރިހާކަމެއް ކުރަން. ހަމަޤައިމުވެސް މީގައި އެންމެ ބޮޑު މަސައްކަތެއް ކުރެވޭނެ ބަޔަކީވެސް އެމްޑީޕީއާއި އެމްޑީޕީގެ ސަޕޯޓަރުން.

– ރައިސުލްޖުމްހޫރިއްޔާ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ3 މީހަކު ހައްޔަރުކޮށްފައެވެ. އަދި ރައީސް ނަޝީދަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.