އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ ލިސްޓަށް 14 މީހަކު އިތުރުކުރުމާއެކު، އެ ލިސްޓް 281އަށް އަރައިފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގައި ޖެހުނުކަމަށް ބުނާ މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަށް ތަހުގީގީ އިދާރާތަކުން ވަނީ ފޮނުވާފައެވެ. މަޖިލީހުން މި ލިސްޓް ހޯދުމަށްއެދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފައިވަނީ، އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުންގެ އިދާރާގައެވެ.
ތަހުގީގީ އެ އިދާރާތަކުން ފޮނުވި ލިސްޓް ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ.
އޭ އެކޮމިޓީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ތަހުގީގީ އިދާރަތަކުން ފޮނުވި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓްގައި 281 މީހެއްގެ ނަން އެބައޮތްކަމަށެވެ. މިއީ ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރި ލިސްޓަށްވުރެ 14 ނަމުގެ އިތުރުވުމެކެވެ. ކުރިން ތަހުގީގީ އިދާރާތަކުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަން ލިސްޓްގައި ހިމެނެނީ 267 މީހެއްގެ ނަންކަމަށެވެ.
ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެ ލިސްޓްގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް މިހާރު ދައުވާކުރަން ފޮނުވާފައިވާކަމަށެވެ. އަދި އަނެއްބައި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވުމުގެ ކުރިން ތަހުގީގް ކުރިއަށްދާކަމަށެވެ. އަދި އެ ލިސްޓްގައި ޖިޏާޢީ ދައުވާ ނުއުފުލެވޭނެ އެއްވެސް މީހެއްގެ ނަން ހިމެނިފައި ނުވާކަމަށާއި، އެ ލިސްޓް ތަރުތީބުކޮށްފައިވަނީ ޚިޔާނާތުގައި އެމީހަކު ޝަމިލްވާ މިންވަރުގެ މައްޗަށް ރިޔާއަތްކޮށްކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުީގެ ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓް މަޖިލީހާއި ހިއްސާކުރައްވަމުން ވަނީ އެ ލިސްޓްގެ ސިއްރުކަން ހިފަހައްޓައިދިނުމަށް އެދިފައެވެ. އެހެންކަމުން އެ ނަންތައް ކޮމިޓީގެ ބައްދަލުވުމުގައިވެސް ނުދެންނެވުމަށް ކޮމިޓީގެ މުގައްރިރު ނިންމެވިއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓްގެ މައްސަލަ މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާއިރު، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ވަނީ ބަދަލުކުރައްވާފައެވެ. އެގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲގެ ބަދަލުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ކޮމިޓީގައި ހިމެނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ އެދިފައެވެ. އެގޮތަށް އެދިފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ މަޖިލީހުގެ ރައީސްއަށް އަމާޒުކޮށް ދިން ހަމަލާއައި ގުޅިގެން، އެމަނިކުފާނަށް ފަރުވާ ދެއްވަމުން ގެންދަވާތީ، މަޖިލީހުގެ ރައީސްގެ ޒިންމާތައް، ނާއިބު ރައީސް އީވާ ނަންގަވަމުން ގެންދަވާތީ، ކޮމިޓީގެ މަސައްކަތްތަކުގައި އެކަށީގެންވާގޮތެއްގައި ބައިވެރިވެވަޑައި ނުގެންނެވޭނޭތީކަމަށް ވަނީ ހާމަކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ މޖިލީހުން ބަލަން ފަށާފައިވާއިރު، މަޖިލީހުގެ ރައިސް މުޙައްމަދު ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގައި ތަހުގީގީ އިދާރާތަކަށް ނަތީޖާއެއް ނެރެވިފައިނުވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމައްސަލަ މަޖިލީހުން ކުރިއަށްގެންދަވާނެކަމަށާއި، މި މައްސަލަ ބެލުމަށް މަޖިލީހުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދަޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޓީން އަންނަނީ ކޮރަޕްޝަނައި ގުޅޭގޮތުން މުޢާމަލާތުކޯށްފައިވާ 70،000އަށްވުރެ ގިނަ މެސެޖުވެސް ދިރާސާކުރައްވަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާުގެ ފައިސާ 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާއި، ސަރުކާރުގެ މަގާމުގައިތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އިތުރުން ބައެއް ފަނޑިޔާރުންނަށްވެސް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ކުރިން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ