Ad
އާޒިމާގެ ތުހުމަތުތަކެއް ބިޝާމަށް، ދައުވާ ކުރިއަށް ގެންދިއުމާ މެދު އަންނަމަހު ގޮތެއް ނިންމަނީ

އާޒިމާގެ ތުހުމަތުތަކެއް ބިޝާމަށް، ދައުވާ ކުރިއަށް ގެންދިއުމާ މެދު އަންނަމަހު ގޮތެއް ނިންމަނީ

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2020 02:18
0

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާއިމެދު އަންނަ މަހުގެ 9 ވަނަ ދުވަހު ގޮތެއް ނިންމަވާނެކަމަށް މިމައްސަލަ ބައްލަވާ ޤާޒީ ވިދާޅުވެއްޖެއެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގެ މައްސަލައިގަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ދެ ފަރާތުން ވާހަކަ ދައްކައި، ނިމުމުން އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، އެ ހުށަހެޅުންތަކާ މެދު ގޮތް ނިންމުމާއި އެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވަވާނެ ކަމަށެވެ.

އާޒިމާގެ ވަކީލުން ވިދާޅުވީ، އާޒިމާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ބައިވެރިވުން އޮވެގެން ކަމަށެވެ. އަދި އެކަމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށާއި އެކަމަކު އެ މައްސަލައަކީ ބިޝާމްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ވަކީލުން ވިދާޅުވި އެވެ. ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން މެދުވެރިވެގެން ހިނގާފައިވާ އެ ހިޔާނާތް ހިނގިއިރު ރައީސް އޮފީހުގައި ގާނޫނީ ކަންކަން ނިންމަން އޮންނަ އިދާރާ، ލީގަލް އެފެއާޒްގެ އެންމެ އިސް މީހަކަށް ހުންނެވީ ބިޝާމް ކަން އާޒިމާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތެރިޔާގެ ގޮތުގައި ބެލެވޭ އަހުމަދު އަދީބަށް ނައިބު ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނު އަސާސީގައި ހިމެނޭ ނައިބު ރައީސުންގެ އުމުރުފުރާގެ މާއްދާއަށް އިސްލަހު ގެނައުމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި އުއްތަމަ ފަނޑިޔާރު ވަކި ވަނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ލަފާ ދިނީ ވެސް ބިޝާމް ކަމަށްް އާޒިމާ ވިދާޅުވިއެވެ.

ރައްދުގައި ދައުލަތުން ބުނިގޮތުގައި، އާޒިމާގެ މައްޗަށް ދައުވާކުރާ މައްސަލާގައި ބިޝާމްގެ މަސްލަހަތު ފުށުއަރާ ކަމެއް ނެތެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ހުސައިން ޝަމީމް އައްޔަން ކުރެއްވި ފަހުން އެ މައްސަލަ ރިވިއު ކުރަން އާޒިމާގެ ފަރާތުން ހުށަހެޅުއްވުމުން އެ ނިންމުން ބަދަލު ނުކުރަން ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. ދައުވާ ކުރުމުގައި ތަފާތުކުރި ކަމަށް ބުނެ އާޒިމާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން ދައުލަތުން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ގިނަ ބަޔަކަށް ތުހުމަތު ކުރެވޭ ކަމަށާއި ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލައި ޝަރީއަތް ހިންގަމުންދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑްރިންގެ ކުށް ސާބިތުގެ 5 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފު ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްްވި މައްސަލަ ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.