އެމްއެމްޕީއާރުސީ ޚިޔާނާތުގައި ޝާމިލުވާ މީހުންނަކީ ކޮބައިކަން ރައްޔިތުންނަށް އެގެންޖެހޭ ކަމަށާއި، އެމީހުންގެ ނަންތައް ރައްޔިތުންނަށް އެގެންޖެހޭ ސަބަބަކީ ޚިޔާނާތް ވެފައިވަނީ ރައްޔިތުންގެ ފައިސާއަށް ވުމުންކަމަށް ކުރީގެ ބަންޑާ ނާއިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން މަޖިލީހަށް ލިބިފައިވާ 70،000 އަށް ވުރެ ގިނަ ޓެކްސްޓު މެސެޖު ދިރާސާކުރަން އެކުލަވާލެވިފައިވާ މަޖިލީހުގެ ސަލާމަތާއި ހިދުމަތްތަކާބެހޭ (241) ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ވަނީ ތަހުގީގީ އިދާރާތަކުން ފޮނުވި ލިސްޓާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވައިފައެވެ. މިބައްދަލުވުމުއި ކޮމިޓީން ނިންމާފައިވަނީ މިމައްސަ ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށެވެ.
މިކަމާއި ގުޅިގެން ކުރީގެ ބަންޑާނާއިބް ދިޔާނާ ވިދަޅުވީ މިމައްސަލާގައި ކޮމިޓީއެއްވެސް އަދި އެހެން ބައްދަލުވުމެއްވެސް ސިއްރު ކުރަން ނުޖެހޭކަމަށެވެ. މިއީ ރައްޔުތުންގެ ފައިސާއިން ގެއްލިފައިވާ ފައިސާތަކަކަށްވުމުން މިފައިސާގައި ޖެހިފައިވާ މީހުން ރައްޔިތުންނަށް އެގެންޖެހޭ ކަމަށެވެ. މިމައްސަލަ މިހާރުވެސް ބެލުންލަސްވެ އިންސާފު ގާއިމްވުމުން އިންތިހާއަށް ލަސްވެފައިވާކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
އަޖައިބެއް ކީއްވެހޭ ސިއްރު ކުރަންވީ އަދިވެސް. ވައްކަން ކުރީ ރައްޔިތުންގެ ފައިސާއިން، ޚިޔާނާތްތެރިން އެގުމަކީ ރައްޔިތުންގެ ހައްޤެއް. މިހާރުވެސް މާ ދުވަސްވެއްޖެ. ބޮޑު ތަނުން ލަސްވެއްޖެ. އިންސާގު ލަސްވެދިއުމަކީވެސް ބޮޑު އަނިޔާއެއް.
– ދިޔާނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ތަހުގީގީ އިދާރާތަކުން ފޮނުވި ލިސްޓު ދިރާސާކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖޮއިންޓް ކޮމިޓީންނެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި ކުރިން ހިމެނެނީ 267 މީހުންނެވެ. ނަމަވެސް ފަހުން މަޖިލީހުން އެދިގެން ލިސްޓު ގެނައިރު ލިސްޓުގައި 281 ބޭފުޅެއްގެ ނަން އޮތެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 281 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތަޙްޤީގު އިދާރާތަކުން ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ