މިއަދުވެސް 590 މީހުން ޕޮޒިޓިވް، މާލެއިން 439 ކޭސް

މިއަދުވެސް 590 މީހުން ޕޮޒިޓިވް، މާލެއިން 439 ކޭސް

Author
މުޙައްމަދު ޖިމީ
08 މެއި 2021 10:10
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 590 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 590 މީހަކު ވަނީ ކޯވިޑް ޕޮޒިޓިވްވެފައެވެ. މާލޭ ސަރަޙައްދުން އެކަނިވެސް 590 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 141 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 9މީހަކާއި، ސަފާރީތަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 34،724އަށް އަރާފައެވެ.

ރާއްޖޭން ފަހަކަށް އައިސް ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ވަނީ ރެކޯޑް ޢަދަދަކަށް އިތުރުވާން ފަށާފައެވެ. އެގޮތުން 500 އިން މަތިން ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރާތާ މިހާރު މިވަނީ ހަފްތާއެއް ވެފައެވެ. އަދި ދުވަހެއް ދުވަހަކަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 210 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 25992 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 8،640 މީހުން ފަރުވާ ހޯދަމުންދާއިރު 230 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،014ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 83 މީހުން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.