އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް މެޗުގައި ވާދަކުރާ ރާއްޖޭގެ ކްލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރް އެފްސީގެ ހުރިހާ ކުޅުންތެރިން ކޯވިޑް-19 އަށް ނެގެޓިވް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
ހަރުކަށި އުސޫލުތަކާއި އެއްގޮތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޮފް މެޗު ކުޅުމަށް އިންޑިއާގެ ބެންގަލޫރް އެފްސީ ރާއްޖެއާއި އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މި ޓީމު ރާއްޖެ އާއި އިންޑިއާއިން ފުރުމުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓްކޮށްގެންނެވެ. އެގޮތުން މާލެ އަންނަ ކުރި ޓެސްޓުންވެސް އެއްވެސް ކުޅުންތެރިއެއް އަދި އޮފިޝަލަކުވެސް ޕޮޒިޓިވްވެފައެއް ނުވެއެވެ. އަދި ރާއްޖެ އައިސް ބެންގަލޫރް ޓީމު ކޭޕްކުރި ހޮޓެލް ޖެންގައި ރޭ ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޯވިޑް-19 އަށް ޓެސްޓުކޮށްފައެވެ. މި ޓެސްޓުތަކުގެ ނަތީޖާ މިއަދު ލިބުނުއިރު އެއްވެސް ކުޅުންތެރިއެއް ޕޮޒިޓިވްވެފައެއްނުވެއެވެ.
ބެންގަލޫރުން މިދިޔަ އަށް މަހެއްހާ ދުވަސް ހޭދަކުރީ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަމިއްލަ ބަބްލްއެއްގެ ތެރޭގަ އެވެ. ރާއްޖެ އައުމާ ހަމައަށް ބެންގަލޫރު ޓީމުގެ ކުޅުންތެރިން ކޭމްޕްކޮށްގެން ތިބީ އިންޑިއާގެ ގޯއާގައެވެ.
ޕްލޭއޮފް މެޗުގައި ބެންގަލޫރް އެފްސީ އާއި ދެކޮޅަށް ނުކުންނަ ރާއްޖޭގެ ކްލަބް އީގަލްސްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ބުރާސްފަތި ދުވަހު ހަވީރު ޕީސީއާރު ޓެސްޓް ހަދާފައެވެ. މި ޓެސްޓްތަކުގެ ނަތީޖާ ލިބުނުއިރު އެއްވެސް ކުޅުންތެރިއެއް އަދި އޮފިޝަލަކުވެސް ޕޮޒިޓިވްވެފައެއް ނުވެއެވެ.
ޕީސީއާރު ޓެސްޓަށް ފަހު އީގަލްސް ޓީމު ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ހޮޓެލް ޖެންގައި ކޭމްޕުކޮށްފައެވެ. ޕްލޭއޮފް މެޗު ނިމެންދެން ޓީމު އެއްކޮށް ތިބޭނީ ހޮޓަލުގައެެވެ. ހަމައެކަނި ނުކުމެވޭނީ ފަރިތަކުރުންތަކަށް ދަނޑަށް ދިއުމަށާއި މެޗަށް އެކަންޏެވެ. ޓީމުތައް ދަނޑަށް ދަނީ އެމްއެންޑީއެފް އާއި ފުލުހުންގެ ބެލުމުގެ ދަށުން މޮޓޯކޭޓުގައި ފުރިހަމަ ރައްކާތެެރިކަމާއެކުއެވެ.
އޭއެފްސީން ކޯވިޑް-19 ގެ ތެރޭގައި މުބާރާތްތައް ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރާ ޕްރޮޓޮކޯލަކީ ޔޫރަޕްގައި ވެސް އަމަލުކުރަމުން އަންނަ އުސޫލާ ދާދި އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ގައިޑްލައިނެކެވެ. އެ ގޮތުން އޭއެފްސީ ކަޕްގެ ކޮންމެ މެޗެއްގެ ކުރިން ކޮވިޑަށް ޓެސްޓް ކުރާނެއެވެ.
ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅޭނީ އަންގާރަ ދުވަހުގެރޭ ނުވައެއް ޖަހާއިރު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
ކޮމެންޓު ފޮނުވާ