ދައުލަތުގެ އެއްބާރުގެ ވެރިޔަކަށް ޓެރަރިސްޓް ހަމަލާއެއް ދިނުމުން އިތުރު ބަހަނާ ނުދައްކައި، ޖެހޭނީ ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ކަމަށާއި، މިމައްސަލާގައި އެމްއެންޑީއެފްއިން ދެއްކި ވާހަކަ އެއްވެސް ގޮތަކަށް ދެކޮޅު ނުޖެހޭ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދެވުނު ޓެރެރިސްޓް ހަމަލާއާއި ގުޅިގެން ރޭ ސިފައިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ދެއްކި ވާހަތަކަށް އިޝާރާތް ކުރައްވައި ޑރ.ޖަމީލް ވިދާޅުވީ ޕްރެސްގައި ދެއްކި ވާހަތަކުން އެއްވެސް އޮއްޓަރެއްހުރި ވާހަކައެއް ސާފުވެެން ގޮސްފައި ނުވާކަމަށެވެ. ސަލާމަތީ ބާރުތައް ފެއިލްވުމުން ޖެހޭނީ ދެންވެސް ކަންކަން ރަނގަޅު ކުރަން ކަމަށާއި، ވާހަކަ ގިނަ ނުކޮށް ދެންވެސް މިކަމުގައި އަަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޑރ.ޖަމީލް ވަނީ ގޮވާލާފައެވެ. ޖަމީލް ވިދާޅުވީ މިއަދު ޑިފެންސް މިނިސްޓަރަކަށް އެހެން ޕާޓީއެއްގެ މީހަކު ހުރިނަމަ އެމީހަކު މަޤާމުގައި ނުހުންނާނެކަމަށެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ދެއްކި ވާހަކަ ދެކޮޅެއްނުޖެހޭ. ސެކިއުރިޓީ ފެއިލްވީމަ ބަހަނާ ނުދައްކާ ފިޔަވަޅު އަޅަންވީ. އަދި ކިރިޔާ މީހަކު ހައްޔަރު ކުރެވުނީ. އެހެން ޕާޓީއެއްގެ ޑިފެންސް މިނިސްޓަރަކު ނަމަ މިފަހަރު މަގާމް ގެއްލުނީސް.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރޭ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ނަޝީދަށް އަމާޒުކޮށް ދިން ފަދަ ނުރައްކާތެރި ހަމަލާއެއްދީ މީހެއްގެ ފުރާނަ ދުއްވާލަން ޖެހިލުންނުވާވަރު މީހުން ރާއްޖޭގައި ތިބިކަމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި މިފަދަ ކަމެއް ކުރަން އުޅޭ ކަން އެއްވެސް ރައްޔިތަކަށް ނޭނގެނީތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.
އަޅުގަނޑު ހިތަށް އަރާ މިފަދަ ޑިވައިސްއެއް ހަދާ، އައިއީޑީއެއް ހަދައި ތަނުގެ ބައިންދާ މި ހުރިހާ ކަމެއް ކުރި އިރު، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް އާންމު ރައްޔިތަކަށް ނުވަތަ އެއްވެސް ބޭފުޅަކަށް އެްވެސް ހިލަމެއް ވަހުމެއް ނުވޭބާއޭ.
– ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
ޒަކަރިއްޔާގެ ދެއްކެވި ވާހަކަތަކަށް މީސްމީޑިއާގައި ގިނަ ބަަޔަކު ވަނީ ފާޑު ކިޔައިފައެވެ. ބައެއް ރައްޔިތުންގެ ނަޒަރުގައި ޒަކަރިއްޔާ ވަނީ ހަމަލާގެ ޒިންމާ "ރައްޔިތުންގެ ބޮލަށް ކަނޑާލާފައެވެ". އެމްއެންޑީއެފްގެ ޕްރެސްއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސިފައިންގެ އިސްވެރިންނަށް އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ