ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގައި ދެވުނު ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސާޖަރީތައް ނިމިފައިވާއިރު، އެއްކޮށް ފަސޭހަވާން ގިނަ ދުވަސްތަކެއް ނަގާނެކަމަށް ރައީސް ނަޝީދުގެ ޢާއިލީ ބޭފުޅެއްކަމަށްވާ ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.
ނާޒިމް މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓުގައި ވިދާޅުވި ރައީސް ނަޝީދުގެ ސާޖަރީ ނިމިފައިވާކަމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ފަސޭހަވާން ނަގާނެކަމަށެވެ.
They have finished surgery and now it’s the long road to recovery ?
— Nazim Sattar (@nazimsat) May 7, 2021
މިއަދު އޭޑީކޭއިންވެސް ވަނީ ރައީސް ނަޝީދާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވާފައެވެ. އޭޑީކޭއިން ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދެވުނު ޙަމަލާގައި ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ކުރި އޮޕަރޭޝަންތައް ކާމިޔާބުކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. އެހެންނަމަވެސް އަދިވެސް މުހިއްމު އެއް ޕްރޮސީޖަރ ހަދަންޖެހޭކަމަށް އެ ހޮސްޕިޓަލުން ބުނެފައެވެ.
އޭޑީކޭއިން އިޝާރާތް ކުރެއްވި ފަހު ސާޖަރީވެސް މިހާރު ނިމިފައިވާއިރު އެމަނިކުފާނަށް މިހަމަލާގައި ސީރިއަސް ޒަހަމަށްތަކއް ލިބިފައިވާކަން އެމަނިކުފާނުގެ އާއިލާއާއި އޭޑީކޭއިންވެސް ދޭ މައުލުމާތުން އެގެއެވެ. ރައީސް ނަޝީދަށް މިހާރުވެސް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ.
ރައީސް ނަޝީދަށްް ލިބިވަޑައިގެންނެވި ޒަހްމަތަކާއި ގުޅިގެން މިހާތަނަށް ކުރި އޮޕަރޭޝަންތަކުގެ ތަފްސީލެއް އައި އޭޑީކޭއިން ހާމަކޮށްފައެވެ ނުވެއެވެ. ރޭގައި ދިން މިހަމަލާގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ ދެ ހަށިފާރަވެރިންގެ އިތުރުން އާއްމު ރައްޔިތަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ރައްޔިތަކުވެސް ވަނީ ޒަހަމްވެފައެވެ.
މިހަމަލާއައި ގުޅިގެން މިހާތަނަށް މިކަން ހިންގުމައި ޝާމިލުވި 4 މީހަކު ދެނެގަނެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިކަމުގައި މިހާރު ތަހުގީގް ގޮސްފައިވާ ހިސާބަށް ބަލައިރު ގިނަ މައުލޫމާތުތަކެއް ލިބެމުންދާ ކަމަށާއި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މިކަމުގައި ޝާމިލުވާ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރުންކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ