އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ ރެއިން ރެއަށް އެމަނިކުފާނު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާއެއް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ރޭ ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ޑރ.ޝަހީދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެއްގޮތަކަށްވެސް ޑިމޮކްރަސީއައި، އިޤްތިޞާދަށް ދިން ހަމަލާއެއް ނޫންކަމަށެވެ. އެހަމަލާއަކީ ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް އެމަނިކުފާނުގެ ދުޝްމަނުން ދިން ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
ޑިމޮކްރަސީއަށް ދިން ހަމަލާއެއްވެސް ނޫން. އިޤްތިޞާދަށް ދިން ހަމަލާއެއްވެސް ނޫން. ސީދާ ރައީސް ނަޝީދު މިރެއިން މިރެއަށް އަވަހާރަ ކޮށްލަން ދިން ހަމަލާއެއް. މިކަން ކޮށްފައިވަނީ ހަމަ ސީދާ އެމަނިކުފާނުގެ ދުޝްމަނުން.
– ޝަހީދު ވިދާޅުވިއެވެ.
ރޭ ޤައުމާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އަށާއި، ރާއްޖޭގެ އިޤްތިޞާދަށް ދިން ނުރައްކާތެރި ހަމަލާއެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަލާމަތީ ބާރުތަކުން ތަހުގީގް ކުރަމުންދާކަމަށެވެ. މިމައްސަލާގައި ޝާމިލުވާ މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހަލާގައި ބައިނަލް އަޤުވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އޮސްޓްރޭލިއަން ޕޮލިސްގެ އެހީތެރިކަން ލިބޭނެކަމަށް އަންގާފައިވާކަމަށާއި، އެބޭފުޅުން އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައިސް މިކަމުގައި ބައިވެރިވާނެކަމަށެވެ. ރައީސް ވިދާޅުވީ މިއީ ވަރަށް ފިނޑި އަދި ވަރަށް ނާތަހުޒީބު ހަމަލާއެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ