މިރޭ މާލޭގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ތަހުގީގް ކުރުމުގައި ބައިނަލް އަޤުވާމީ އެހީތެރިކަން ލިބޭނެކަމަށާއި، އެގޮތުން ހޮނިހިރު ދުވަހު އޮސްޓްރޭލިއާ ފުލުހުން މި ތަހުގީގުގައި ބައިވެރިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެެއެވެ.
އެމަނިކުފާނު މިރޭ ޤައުމާއި މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ވިދާޅުވީ މިހަމަލާގައި ބައިނަލް އަޤުވާމީ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އޮސްޓްރޭލިއަން ޕޮލިސްގެ އެހީތެރިކަން ލިބޭނެކަމަށް އަންގާފައިވާކަމަށާއި، އެބޭފުޅުން އަންނަ ހޮނިހިރު ދުވަހު ރާއްޖެ އައިސް މިކަމުގައި ބައިވެރިވާނެކަމަށެވެ. ރައީސް ވިދާޅުވީ މިއީ ވަރަށް ފިނޑި އަދި ވަރަށް ނާތަހުޒީބު ހަމަލާއެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަލާމަތީ ބާރުތަކުން ތަހުގީގް ކުރަމުންދާކަމަށެވެ. މިމައްސަލާގައި ޝާމިލުވާ މީހުން ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ދައުރުން ބޭރުން މިރޭ ބޭއްވި މަޖިލިސް 241 ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މިމައްސަލަ ކުރިއަށް ގެންދިއުމަށް ކޮމިޓީން ފުލުހުންނަށް ލަފާދޭނެ ގޮތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މިމަޝްވަރާތަކަށްފަހު ކޮމިޓީގެ މެމްބަރުންނަށް އިއްތިފާޤު ވެވުނީ މިމައްސަލަ ތަހުގީގް ކުރުމަށް ބޭރުގެ މާހިރުންގެ ލަފަޔާއި އިރުޝާދު ފުލުހުން ބޭނުން ކުރުމަށެވެ.
ބޭރުގެ މާހިރުންގެ ލަފާ ހޯދުމަށް ދެންނެވުމަށް ނިންމަވާފައިވަނީ މީގެ ކުރިން މިފަދަ މައްސަލަތަކުގައި ކަންކަން ވެފައިވާގޮތުން ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުން މިހާރު ނިންމިފައިވާއިރު ކޮމިޓީގެ ލަފާ ފުލުހުންނަށް ފިނުވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދަށް މިރޭ ދެވުނު ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ގެންދަނީ އޭޑިކޭގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އެކި ވަރުގެ ސާޖަރީތައް ގެންދަނީ ހަދަމުންނެވެ. އެމނިކުފާނުގެ ހާލަތާއިމެދު ކަންބޮޑުވެ ގިނަ ބަޔަކު ގެންދަނީ ހެޔޮ އެދުންތައް އަރިސް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ