މިރެއަށް ޖަލްސާ މެދު ކަނާޑާލައިފި، މާދަމާވެސް ޖަލްސާ ކުރިއަށްދާނެ: އީވާ

މިރެއަށް ޖަލްސާ މެދު ކަނާޑާލައިފި، މާދަމާވެސް ޖަލްސާ ކުރިއަށްދާނެ: އީވާ

Author
މުޙައްމަދު ޝަޒައިމް
07 މެއި 2021 02:26
0

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިރޭ ބޭއްވި ކުއްލި ޖަލްސާ މިރެއަށް މެދު ކަނޑާލި ނަމަވެސް މަދަމާވެސް މިޖަލްސާ ކުރިއަށްދާނެކަމަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިސް ނާއިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް ޖަލްސާ މިރޭ ފައްޓަވަމުންވެސް އީވާ ވިދާޅުވީ ޖަލްސާ ނިންމާލާނީ އީސް ނަޝީދުގެ ހާލަތު ސާފުވެ، މިމައްސަލަ ކުރިއަށްދާ ގޮތެއް ސާފުވުމުންކަމަށެވެ. އީވާ ވަނީ މިރެއަށް މެދު ކަނޑާލަމުން ރައީސް ނަޝީދުގެ ހާލަތު މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާރު އިތުރު ސާޖަރީތަކެއް ކުރަމުންދާކަމަށް އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.

އީވާ ވިދާޅުވީ މިރެއަށް ޖަލްސާ މެދު ކަނޑާލިޔަސް މާދަމާވެސް މަޖިލިސް ޖަލްސާކުރިއަށް ދާނެކަމަށެވެ. ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އަމިއްލަ ނަންފުޅުގަ އާއި މަޖިލީހުގެ މެންބަރުންގެ ނަމުގައި ކުށްވެރިކުރާ ކަމަށެވެ. އީވާ ވިދާޅުވީ މިއީ ފިނޑި އަމަލެއް ކަމަށެވެ.

މާލޭ މަޖީދީ މަގުން، ގ. ކެނެރީގޭ ކައިރީގައި މިރޭ 20:20 ހާއިރު އެއްޗެއް ގޮއްވާލީ އެސަރަޙައްދުގައި އޮތް ރައީސް ނަޝީދުގެ ކާރުކޮޅަށް އެމަނިކުފާނު އަރައިވަޑައިގަންނަވަނިކޮށެވެ. އަދި މިހާދިސާގައި އަނިޔާތަކެއް ލިބުމާއި ގުޅިގެން ރައީސް ނަޝީދަށް ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފައެވެ. އެމްއެންޑީއެފްއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް އަންނަނީ ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކުރެވިފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.