ރާއްޖޭގައި ދެމުން އަންނަ އިންޓަރނެޓްގެ ޚިދުމަތުގެ އަގު އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުންފެށިގެން ހޮޔޮކުރުމަށް ނިންމާ މަޝްވަރާތައް ކުރަންފަށައިފިއެވެ. އެގޮތުން އިންތަރނެޓްގެ އަގު ހެޔޮކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މިރޭ ވަނީ މަޝްވަރާކޮށްފައެވެ.
އެގޮތުން މިރޭ ބޭއްވި މަޝްވަރާތަކުގައި ސަރުކާރުން ވަނީ މިހާރު ރާއްޖޭގައި އޮތް އޮޕަރޭޓަރުން ފިޔަވައި އިތުރު ބަޔަކަށްލައިސެންސް ނުދިނުމަށެވެ. މިރޭގެ މަޝްވަރާތަކުގައި ސަރުކާރުން ވަނީ އިންތަރނެޓް އަގުހެޔޮކުރުމާއި ގުޅޭގޮތުން އަގުތަކެއްވެސް ހުށައަޅާފައެވެ.
އޭގެތެރޭގައި ހިމެނެނީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 200ރުފިޔާއަށް 30 ޖީބީ، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރުފިޔާއަށް އަށް 100 ޖީބީ، 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރުފިޔާއަށް 200 ޖީބީއެވެ. ސަރުކާރުން މިހުށައެޅި ހުށައެޅުމަށް މަޝްވަރާކޮށްފައިވީނަމަވެސް، މިކަމާއި ގުޅޭގޮތުން ސަރުކާރުން ވަކި އެއްޗެއް އަދި ހާމަނުކުރައްވައެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެެވެ. ނަމަވެސް އެ ވައުދު ނުފުއްދި އެތަށް ދުވަހެއް ފާއިތުވެގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރާއްޖޭގައި އިންޓަރނެޓް އަގުހެޔޮ ކުރުމަށް ކުރެވުނު މަސައްކަތްތައް ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ކަމުގައި ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންތަރނެޓް އަގުހެޔޮކުރުމަށް އެ މިނިސްޓްރީން ކުރަންޖެހޭ ކަންކަން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމާ ޕޮލިސީ އޮފީހަށް ފޮނުއްވެވިކަމަށް މަލީހު ވިދާޅުވެފައިވެއެވެ. މިސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރެއިން އިންޓަރނެޓްގެ އަގުހެޔިކުރުމަށް ވެފައިވާ ވައުދާއި އެއްގޮތަށް، އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަށް ހުށަހެޅުމުންވެސް މިސަރުކާރުން އެކަން ނުކުރީ ވަޒީރަކަށް ހުރީ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރަކަށް ނުވުމުންކަމުގައިވެސް މަލީހު ވިދާޅުވެފައިވެއެވެ.
އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވާކަމުގެ ޝަކުވާއަށް ހައްލުތަކެއް ހޯދުމަށް މިއަހަރު މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވެސް ވަނީ ވިދާޅުވެފައެވެ. މަބްރޫކް ވިދާޅުވީ، އިންޓަރނެޓް ޕެކޭޖްތައް އަވަހަށް ހުސްވުމާއި، ޕެކޭޖުގައި ފޯރުކޮށްދޭން ބުނާ ސްޕީޑަށްވުރެ އިންޓަރނެޓް ސްޕީޑް ލަސްކަމުގެ ޝަކުވާއަކީ އާއްމުންގެ ފަރާތުން ވަރަށް ގިނައިން ލިބޭ ޝަކުވާއެއްކަމަށެވެ. އެހެންކަމުން އިންޓަރނެޓް ތްރޮޓޮލްވުމުގެ މައްސަލަ ހައްލުކޮށް، ފެންވަރު ރަނގަޅު ޙިދުމަތެއް ފޯރުކޮށްދިނުމަށް މިއަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ކުރައްވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ