އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުން ވަކިވާން ނުނިންމާ ކަމަށާއި، އޭއެފްސީން އަބަހާނީ މުބާރާތުން ވަކިކުރުމުން ލިބުނީ ޝޮކެއް ކަމަށް އެޓީމުން ބުނެފިއެވެ.
އޭއެފްސީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަންގްލަދޭޝްގައި ކޯވިޑް-19 ގެ ހާލަތު އޮތްގޮތުން ދަތުރުފަތުރު ކުރުމަށް ބުރޫ އަރާފައިވާތީ އަބަހާނީ އަށް ދެން މި މުބާރާތުގައި ކުރިއަށްދެވޭނެ ގޮތެއް ނެތިގެން މުބާރާތުން ވަކިވީ ކަމަށް އޭއެފްސީގެ ސަބް ކޮމިޓީއަށް ގަބޫލްކުރެވޭކަމަށެވެ.
މިކަމާއި ހިތްހަމަ ނުޖެހިގެން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑުން ބުނީ، އޭއެފްސީ ކަޕުން އެޓީމު ވަކިކުރީ އެންގުމެއް ނެތިކަމަށެވެ. އަދި އޭއެފްސީ ކަޕުން ނަން ނަގަން އެޓީމުން ނިންމާފައި ނުވާނެކަމަށާއި، އޭއެފްސީން މިގޮތަށް ކަންތައް ކުރުމުން ލިބުނީ ޝޮކެއް ކަމަށެވެ. އަދި މި ނިންމުން އަލުން މުރާޖާކުރަން އަބަހާނީން ވަނީ އޭއެފްސީއަށް ގޮވާލާފައެވެ.
ޕްރިލިމިނަރީ ސްޓޭޖުގައި އީގަލްސް އާއި އަބަހާނީ އެންމެ ފުރަތަމަ މެޗު ކުޅެން ތާވަލްކޮށްފައިއޮތީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ބަންގްލަދޭޝްގައެވެ. ނަމަވެސް ކޯވިޑް-19 ގެ ހާލަތު އެ ޤައުމުގައި ގޯސްވުމުގެ ސަބަބުން އެ މެޗު ކުޅެވޭގޮތް ނުވީއެވެ. އޭގެ ފަހުން މިމަހުގެ 21 ވަނަ ދުވަހު ނޭޕާލުގައި މި މެޗު ކުޅެވޭތީ އަބަހާނީން މަސައްކަތްކުރިއެެވެ. އެ މަސައްކަތްވެސް ކާމިޔާބުނުވުމުން ހާއްސަ ވިސާއެއް ހޯދުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އިންޑިއާގައި އެ މެޗު ކުޅެވޭތޯވެސް މަސައްކަތް ކުރިއެވެ. އެކިފަހަރު މަތިން މެޗު ކުޅެވޭނެ މާހައުލެއް ދެއްކުމަށް ދިން ފުރުޞަތުގެ ބޭނުން ނުކުރުމުން މިހާރު އެޓީމު ވަނީ މުބާރާތުން ވަކިކޮށްފައެވެ.
އެހެންކަމުން ޕްލޭއޮފް މެޗުގައި އީގަލްސް ނުކުންނާނީ އިންޑިއާގެ ބެންގަލޫރް އެފްސީ އާއި ދެކޮޅަށެވެ. މި މެޗު އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގައެވެ. މި މެޗުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ.
އެ ގްރޫޕްގެ ހުރިހާ މެޗެއް އޮންނާނީ އަންނަ މަހުގެ 14 އިން 21 އަށް މާލޭގައެވެ.
ކޮމެންޓު ފޮނުވާ