ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުުރުގެ ބައެއް މެޗުތައް ވިލިމާލޭ ޓާފް ދަނޑުގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެފިއެވެ.
މިހާރު ކުރިޔަށްދާ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ މެޗުތައް އަންނަ މަހުގެ 2 ވަނަ ދުވަހު ނިމޭނެއެވެ. އެފްއޭއެމުން ކްލަބްތަކަށް މިހާރު ފޮނުވާފައިވާ ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން ތިންވަނަ ބުރުގެ މެޗުތައް ފެށުމަށް ތާވަލްކޮށްފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ލީގު ފަހު މެޗު ކުޅެން ތާވަލްކޮށްފައި އޮތީ 15 ޖުލައިގައެވެ.
ކްލަބްތަަކަށް ފޮނުވި ޑްރާފްޓް ޝެޑިއުލްގައި އޮތީ ލީގުގެ މެޗެއް ކުޅޭ ކޮންމެ ދުވަހަކު 4 މެޗު ކުޅޭ ގޮތަށެވެ. އެއީ ރަސްމީ ފުޓްބޯޅަ ދަނޑުގައި އާއި ވިލިމާލޭ ޓާފް ދަނޑުގައެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް އަދަދު ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ ވިލިމާލޭ ޓާފް ދަނޑުގައި މެޗުތައް ކުޅެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެހާތަނަށް އެ ދަނޑުގެ މަސައްކަތް ނިމިއްޖެނަމަ ލީގުގެ ތިން ވަނަ ބުރުގެ ޝެޑިއުލް މިހާރު އޮތްގޮތަށް ދެ ދަނޑެއްގައި މެޗު ކުޅެވޭނެ ކަމަށެވެ.
ވިލިމާލޭ ދަނޑު އަޅަން ހަވާލުކޮށްފައިވަނީ ދެކުނު ކޮރެއާގެ ސްކައިވިންޑް ގްލޯބަލްއާ އެވެ.
ލީގުގެ ތިން ވަނަ ބުރުގެ މެޗުތައް ވިލިމާލޭ ދަނޑުގައި ކުޅެވޭގޮތްވެއްޖެނަމަ މި ވެގެންދާނީ މާލެ އިން ބޭރުގައި ދިވެހި ލީގު ކުޅެވޭ ފުރަތަމަ ފަަހަރަށެވެ.