ޖަރުމަނު ބުންޑަސް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ލިބުނު ފުރުޞަތު ނަގާލުމާއި ގުޅިގެން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
ޖަރުމަނު ލީގުގައި މިރޭ ބަޔާން މިއުނިކާއި މައިންޒް ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެން އެޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ ފުރުޞަތު އޮތެވެ. ނަމަވެސް މައިންޒް އަތުން މިރޭ ބަލިވުމުން ބަޔާންއަށް މި ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.
މައިންޒްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބަޔާންގެ މައްޗަށް މައިންޒް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެެވެ.
މި މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް މައިންޒް އިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ 3 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ޖޮނަތަންއެވެ. އަދި މައިންޒްއަށް ލީގު ފުޅާކޮށްދިން ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެޓީމުގެ ރޮބިން ކުއައިސޮން ވަނީ އިތުރު ލަނޑެއް ޖަހާ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ބަޔާން މިއުނިކުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކުރެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވޮންޑޮސްކީއެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ތަފާތަކާއެކު އޮތީ ބަޔާން މިއުނިކެއެވެ. އެޓީމު އެއްވަނައިގައި އޮތީ 31 މެޗު ކުޅެގެން ހޯދި 71 ޕޮއިންޓާއެކުއެވެ. މި މެޗުގައި ބަޔާންގެ މައްޗަށް ކުރި ހޯދި މައިންޒް އޮތީ ލީގު ތާވަލްގެ 12 ވަނައިގައެވެ. އެއީ 30 މެޗު ކުޅެގެން ލިބުނު 34 ޕޮއިންޓާއެކުއެވެ.
ޖަރުމަނު ލީގުގައި ބަޔާން ދެން ކުޅެން ޖެހޭ މެޗުގައި އަންނަ މަހުގެ 8 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނަނީ މޮއެންޗެންގްލަބަޗްއާ ދެކޮޅަށެވެ.