އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސް އަޕް ގްރޫޕްގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ކެމްޕެއިނެއް ފަށައި، އެމަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ ބޭފުޅުން އަންގައި ދިނުމަށް އެދިއްޖެއެވެ.
މިމަސައްކަތުގައި އިސްކޮށް ހަރަކާތެރިވަނީ އެމްޑީޕީގެ ނާއިބް ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒުއެވެ. ޝިފާޒުވަނީ މި މަސައްކަތުގައި، ބަރުލަމާނީ ކެމްޕެއިންގައި ގިނަ ބޭފުޅުން އުޅުއްވުމަށް އެދޭކަމަށެވެ. އަދި މިކަމުގައި އެއްބާރުލުން ދެއްވާ ބޭފުޅުން ލިސްޓުގައި ނަން ޖެއްސެވުމަށް ވަނީ އެދިފައެވެ. ލިސްޓުގެ އެންމެ ކުރީގައިވެސް އޮތީ ރައީސް ނަޝީދުގެ ނަންފުޅެވެ. ލިސްޓުގައި ނަން ޖަހާފައިވަނީ ޤައުމީ މަޖިލިސް ވަޓްސް އަޕް ގްރޫޕުގައި ހިމެނޭ މީހުންގެ ތެރެއިން ވަރަށް މަދު ބޭފުޅުން ކޮޅެކެވެ.
އެމްޑީޕީގެ އެކި ގުރޫޕްތަކުގައި ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން ކުރަމުންދާއިރު، ސޯޝަލް މީޑިޔާގައިވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ބަރުލަމާނީ ނިޒާމުގެ ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް މިކަމުގައި އަދި މާބޮޑަށް އެމްޑީޕީގެ އިސް ބޭފުޅުން ހަރަކާތްތެރިވާތަން ނުފެނެއެވެ. ބަރުލަމާނީ ނިޒާމުގެ މަސައްކަތް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ފަށާފައިވަނީ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންވާކަމަށް ރައީސް ނަޝީދު އާދީއްތަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ރައީސް ޞާލިހަށް ދެންނެވި ހިސާބުންނެވެ.
މި މެސެޖާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭގޮތުން ރައީސް ނަޝިދު ކުރެއްވި މެސެޖް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންފައިވާކަމަށެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމެއްކަމުގައިވާތީ މި ނިޒާމަށް ބަދަލެއް ގެނެވޭނީވެސް ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.
ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް އެފަރާތްތަކުން ގަބޫލުކުރާގޮތްދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
3 Responses
އިބޫދުއްވާނުލެވިގެންބާ މިއުޅެނީ!
varah raaboa meehun gina party ehkan faahagakurevenee.
ނަޝީދުގެ އެޖެންޑާ އަކީ ގަދަ ބާރުން ނަމަވެސް މިގައުމު ސެކިއުލާ ދައުލަތަކަށް ހެދުން. އެކަމަށް ފަސޭހަ ވާނީ ވެރިކަމަށް އާދެވިގެން.