ގޭޖް ކުންފުނިން 100 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު

ގޭޖް ކުންފުނިން 100 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު

Author
ހުސެއިން
20 އޭޕްރިލް 2021 07:00
0

ރާއްޖޭގައި ޕްރައިވެޓް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމުގައިވާ ގޭޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 100 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުމަށް ނިންމައިފިއެވެ.

ގޭޖް ކުންފުނީގެ އިސްބޭފުޅަކު ޚަބަރު އޮންލައިނަށް މައުލުމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އެ ކުންފުނީގެ ފަރާތުން ސެކިއުރިޓީގެ ދާއިރާއިން، 100 ޒުވާނަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމާފައިވަނީ، މިދާއިރާއިން ގާބިލް ޒުވާނުން ތަމްރީން ކުރުމަށްޓަކާ އެކުންފުނީގެ ދަށުން ހިންގަމުން އަންނަ "ގޭޖް ޓްރެއިނިން އިންސްޓިޓިއުޓް" ގައި 3 ހަފްތާގެ މުއްދަތަށް ހިންގާ ސެކިއުރިޓީ އޮފިސަރ ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށް ދިނުމާއިވެސް އެކުއެވެ. މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް 3 އަށް އެކްރެޑިޓް ކޮށްފައިވާ ކޯހެކެވެ.

ގޭޖް ކުންފުނީގެ ސީ.އެސް.އާރު ކޮމްޕޯނެންޓްގެ ދަށުން، 2021 ވަނަ އަހަރު 100 ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހި ކޮށްދިނުމަށް އެކުންފުނީގެ މެނޭޖްމަންޓުން ނިންމުމާއި ގުޅިގެން، މި ވަޒީފާތަކަށް ޝައުގުވެރިވާ ޒުވާނުން ތަމްރީނުކުރުމަށް ހުޅުވާލާފައިވާ ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް، ގޭޖް ޓްރެއިންނިންގ އިންސްޓިޓިއުޓްގައި ހިންގުމަށް ހަމަޖެހިފައިވާ ސެކިއުރިޓީ އޮފިސަރ ލެވެލް 3ގެ ކޯހުގައި ކިޔަވާ ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ސާބަހަށެވެ. އަދި މި ކޯހުން ފާސްވާ ހުރިހާ ޒުވާނުންނަށްވެސް އެކުންފުނިން ވަޒީފާގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށްވެސް، ކުންފުނިން މައުލޫމާތު ދީފައި ވެއެވެ. މިގޮތުން މި ވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް، ހުރުމާއި ކެއުން ހަމަ ޖައްސާދިނުމުގެ އިތުރުން، ފެށޭ މުސާރައެއްގެ ގޮތުގައި މަދުވެގެން 7000 ރުފިޔާ ހަމަޖައްސާދޭނެކަންވެސް އެކުންފުނިން ވަނީ ހާމަ ކޮށްފައެވެ.

ގޭޖު ކުންފުނިން ހުޅުވާލާފައިވާ 100 ވަޒީފާގެ ފުރުސަތަށް ޝައުގުވެރިވާ ޒުވާނުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި މިފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން، ޔޫތު މިނިސްޓްރީއާއި ގުޅުންހުރި ފަރާތްތައް މެދުވެރި ކޮށްގެން މި ފުރުސަތަށް ޝައުގުވެރިވާ ޒުވާނުންގެ މަޢުލުމާތު އެކުންފުންޏަށް ފޮނުވައިދިނުމަށް މިހާރު އެކުންފުނިން ޔޫތު މިނިސްޓްރީގައި އެދިފައިވާނޭ ކަމަށްވެސް، ޚަބަރު އޮންލައިނާ ވާހަކަ ދެއްކެވި ގޭޖް ކުންފުނީގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ޔޫތު މިނިސްޓްރީގެ ޕޯޓަލްއިން ވަނީ ގޭޖެ ކުންފުނިން ހުޅުވާލާފައިވާ މި ފުރުސަތާ ގުޅޭ މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖައްސާފައި

ގޭޖު ކުންފުންޏަކީ، 2010 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީ ކޮށްގެން، ޕްރައިވެޓް ސެކިއުރިޓީގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރު ކޮށްދެމުން އަންނަ ކުންފުންޏެކެވެ. މިކުންފުނީގެ ގިނަ ކްލަޔަންޓުންނަކީ ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތަކެވެ.

މީގެ އިތުރުން، ޕްރައިވެޓް ސެކިއުރިޓީގެ ދާއިރާއިން މީހުން ބިނާ ކުރުމަށްޓަކާ "ގޭޖް ޓްރެއިނިންގ އިންސްޓިޓިއުޓް"ގެ ނަމުގައި އިންޓިޓިއުޓެއްވެސް 2011 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށް އެކުންފުނިން ދަނީ ހިންގަމުންނެވެ.

ގޭޖު ކުންފުނީގެ ޗެއަރމަންއަކީ، ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.