އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ ކޯވިޑް19އަށް ޕޮޒިޓިވްވެ، އެއިމްސް ހޮސްޕިޓަލުގައި އެނދުމަތި ކޮށްފިއެވެ.
އުމުރުފުޅުން މިހާރު 88 އަަހަރުގެ ކުރީގެ ބޮޑުވަޒީރު، މިއަދު ހެދުނުގެ ވަގުތެއްގައި ހުން އައުމާ ގުޅިގެން ކޯވިޑް19އަށް ޓެސްޓް ކުރިއިރު، ކޯވިޑަށް ޕޮޒިޓިވް ކަމަށް ޓެސްޓްތަކުން ވަނީ ދައްކާފައެވެ. މަންމޯހަން ސިންގ ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ، ކޯވިޑް19 ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކުރައްވާފައި ވަނިކޮށެވެ.
ރަސްމީ ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޑޮކްޓަރުން ގެންދަވަނީ، މަންމޯހަން ސިންގގެ ހާލުކޮޅު ވަރަށް ގާތުން މޮނިޓަރ ކުރައްވަމުންނެވެ.
ކޯވިޑް19 އަށް ޕޮޒިޓިވް ހޮސްޕިޓަލުގައި ކުރީގެ ބޮޑުވަޒީރު މަންމޯހަންސިންގ އެޑްމިޓް ކުރުމާއި ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީވަނީ، މަންމޯހަން ސިންގއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޓުވީޓު ކުރައްވާފައެވެ.
Wishing our former Prime Minister, Dr. Manmohan Singh Ji good health and a speedy recovery.
— Narendra Modi (@narendramodi) April 19, 2021
އަދި މީގެ އިތުރުން އިދިކޮޅު ލީޑަރު، ކޮންގްރެސް ޕާޓީގެ ކުރީގެ ރައީސް ރަޖީވް ގާނދީވެސް ވަނީ މަންމޯހަން ސިންގއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޓުވީޓު ކުރައްވާފައެވެ.
Dear Dr. Manmohan Singh Ji,
Wishing you a speedy recovery.
India needs your guidance and advice in this difficult time.— Rahul Gandhi (@RahulGandhi) April 19, 2021
މި ހަފްތާގެ ހޯމަދުވަހު، މަންމޯހަން ސިންގ ވަނީ، އިންޑިއާގައި ކޯވިޑްގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވަމުން ދާންފަށާފައި ވުމާއި ގުޅިގެން، ހާލަތު ރަގަޅު ކުރުމަށް ފެނިވަޑައިގަންނަވާ 5 ކަމެއް ފާހަގަ ކުރައްވާ އިންޑިއާގެ ބޮޑުވަޒީރަށް ޚާއްސަ ސިޓީފުޅެއްވެސް ފޮނުއްވާފައެވެ.
މި ސިޓީފުޅުގައި އޭނާ އެދިވަޑައިގެންފައިވަނީ، އިންޑިއާގެ ރައްޔިތުންނަށް ވެކްސިްނ ފޯރުކޮށް ދިނުން އަވަސް ކުރުމަށާއި އަދި ފަރުވާ ކުރުމަށް ބޭނުންވާ ބޭސް ސަޕްލައި ކުރުން އިތުރު ކުރުމަށެވެ.
އިންޑިއާގައި ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 15 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، ފާއިތިވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެގައުމުގައި 2.73 ލައްކަ މީހުންވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.