ކުރު ވާހަކަ: ވަފާ

ކުރު ވާހަކަ: ވަފާ

ނިދަން އުޅެ އުޅެވެސް އަހަރެންނަކަށް ނުނިދުނެވެ. ފިރިމީހާ ހަމީޒްގެ މަތިން ހަނދާން ވާވަރުންނެވެ. އޭނާގެ ސޫރަ ލޮލަށް ފެންނަ ވަރުންނެވެ. އޭނާއާއި އެކު އަހަރެން މިހޭދަކުރި އަށާރަ އަހަރުގެ ތެރެއިން ބޮޑު ބަޔަކީ އުފާވެރި ދުވަސްތަކަކަށް ނުވިޔަސް އަހަރެންނަށް އެތައް ތަޖުރިބާއެއް ލިބިއްޖެއެވެ. އެތައްކަމެއް ދަސްވެއްޖެއެވެ. ފިރިއެއްގެ އޯގާތެރިކަމާއި ލޯތްބާއި އަޅާމުން އަނތްބަކަށް ބޭނުންވާނީ ކިހާމިންވަރަކަށް ކަމެވެ. އަދި ފިރިއަކަށް އަނބިމީހާ މުހިއްމުވާނީ ކިހާ މިންވަރަކަށް ކަމެވެ. ކޮންމެ ހާލެއްގައިވެސް ދަރީންނަށްޓަކައި ކައިވެނީގެ ގޮށް މޮހާނުލައި ދިރިއުޅެން ޖެހޭނެކަމެވެ.

ހަގުދަރިފުޅު ހާމީއަށް ވެސް ނިދުނީ ރޮއެރޮއެ ވަރުބަލި ވެގެންނެވެ. ނިދިފައި އޮތް އިރުވެސް އޭނާއަށް ގިސްލެވެއެވެ. ދޮށީ ދަރިފުޅު ހުމައިދު އަދިވެސް އޮތީ ނުނިދައެވެ. އޭނާ ނުރުޔަސް ވިސްނައި ފިކުރު ކުރަނީކަން އަހަރެންނަށް އެނގެއެވެ. މިއަދު ދެކުދިންވެސް އެތިބީ ދުނިޔޭގެ ކަންކަން ވިސްނޭ ވަރަށް ބޮޑެތިވެފައެވެ. ހާމީއަށް ތޭރައަހަރެވެ. ހުމައިދުއަށް ސޯޅައަހަރެވެ. އެހެން ކަމުން ކަންކަން ނުވިސްނޭހައި އެކުދިން ޅައެއް ނޫނެވެ.

އެ ކުޑަކޮޓަރީގެ ތެރޭގައި އަހަރެން މިއޮތީ ތަށިމުށިތައް މަތީގައި ރަޖައެއް ފަތުރައިގެންނެވެ. ކޮޓަރީގައި ދެންހުރި ބަންކް ބެޑްގައި ނިދަނީ ދެކުދީންނެވެ. ފިރިމީހާ ހަމީޒްގެ އެނދު ހުހަށް ހުއްޓެވެ. އެ އެނދުހުރީ އަހަރެންގެ މިދެއަތުން ތަންމަތި އަޅައި ރީތި ކުރި ގޮތަށެވެ. ހުދު ބެޑްޝީޓާއި ބާލީސްތަކެވެ. މަހުމަލުގެ ރަޖާގަނޑެވެ.

އިރު އިރުކޮޅާއި އަހަރެންނަށް އެ އެނދަށް ބަލާލެވެއެވެ. ހަމީޒް ގޮވާލާ އަޑު އިވޭހެން ހީވާތީއެވެ. އޭނާ އެ އެނދުގައި ފާއިތުވި ބާރަ އަހަރު ނިދިޔަސް މިރޭގެ ފަހުން ދެން އެނދުގައި އޭނާ ނިދަން ނާންނާނެކަން އަހަރެންނަށް އެނގެއެވެ. ކުދީންނަށްވެސް އެކަން އެނގެއެވެ. ދޮށީ ދަރިފުޅު ހުމައިދު މަންމާއޭ ބައްޕަގެ އެނދުގައި ދެން މަންމަ ނިދާށޭވެސް ބުންޏެވެ. އެކަމަކު އެއެނދުގައި އަހަރެންނަކަށް ނިދާކަށް ހިތެއް ނުރުހެވުނެވެ. އެއީ އަހަރެންގެ ވަފާތެރި ފިރިމީހާގެ މަޤާމެވެ. އޭނާއަށްޓަކައި މިހަރު މުށިތައް މަތީގައި އެއްވެސް ޝަކުވާއެއް ނެތި އަހަރެން ނިދާތާ ބާރަ އަހަރުވީއެވެ. އެހެން ކަމުން އުމުރުގެ ބާކީ އޮތްބައިގައިވެސް މިއީ އަހަރެންގެ މަޤާމުކަމުގައި ޤަބޫލު ކުރެވެނީއެވެ.

ހަމީޒްގެ އެނދަށް އަނެއްކާވެސް އަހަރެންނަށް ބަލާލެވުނެވެ. އަހަރެންނަށް ހަމަހީވަނީ އޭނާ އެއެނދުގައި އޮތްހެނެވެ. އޭނާ އަހަރެމެންނާއި ވަކިވެގެން ހިނގައްޖެކަމުގައި ޤަބޫލު ކުރާކަށް ފަސޭހައެއް ނޫނެވެ. އެކަމަކު ވެސް ހަޤީޤަތަކީ އެއީ އެވެ. ހަމީޒް އަހަރެމެންނާއި ވަކިވެގެން ހިނގައްޖެއެވެ. ދުރަށެވެ. މާދުރަށެވެ. އޭނާގެ ޚަބަރެއް ދުވަހަކުވެސް ނުފޯރާ ހިސާބަށެވެ.

އަހަރެންގެ ހިތާމަ ރޭޑިއޯގައި "ވަކިވުމުގެ ކުރިން" ހުށައަޅަން އިން ޕްރެޒެންޓަރަށްވެސް އެނގުނީ ކަހަލައެވެ. އޭނާ ޖެހީ އަހަރެންގެ ހިތާމަޔާއި އެކަނިވެރިކަން އިހްސާސްކޮށްދިން އަސަރުގަދަ ލަވައެކެވެ.

އަބަދުވެސް ހަމީޒް އަހަރެންނަށް ހިންދީލަވައާއި އޭގެ މާނަ ކިޔައި ދޭނެއެވެ. ދިވެހި ރާއްޖޭގެ އަޑުން ފޮނުވާ ވަކިވުމުގެ ކުރިން ޕްރޮގްރާމަކީ ނިދަން އޮށޯވެ އަބަދުވެސް އަހަރެމެން އަޑު އަހަމުން އައި ޕްރޮގްރާމެކެވެ. މިފާއިތުވި އަށާރަ އަހަރުގައެވެ. ރެއާއި ހަމައަށެވެ. އަޑުން ފޮނުވަމުން ދިޔަ އެލަވައަކީ އެތައް ފަހަރަކު ހަމީޒް އަހަރެންނަށް ކިޔައިދީ މާނަ ހިތުދަސް ވެފައިވާ ލަވައެކެވެ.

އެލަވައިގައި ޒުވާން އަންހެނަކު ބުނަމުން ދެއެވެ. "ސިޓީއަކުންވެސް އަދި އެނޫން ގޮތަކުންވެސް ޚަބަރެއް ނުވާތަނަކަށް މިދުނިޔެއިން ތިބާ ތިޔަ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟ ކޮންމެ އެއްޗެއްގައި ހިތާމައިގެ ކަރުނައި ލިޔެވިފައިވަނީ ތިބާގެ ނަމެވެ. މިމަގާއި މިރަށާއި މިގެއާއި ތިބާއަށް ވަދާޢުގެ ސަލާމެއް ނުކުރެއެވެ. އަބަދުވެސް ހިތް ގޮވަނީ ތިބާ އެނބުރި އައިސް ސަލާމްކޮށްލުމަށެވެ. ތިބާ ތިޔަ ދިޔައީ ކޮންތަނަކަށް ހެއްޔެވެ؟"

އެލަވައިގެ ކޮންމެ ލަފުޒެއް އަހަރެންނާއި ގުޅެއެވެ. އެލަވައިގައި ބުނާ ކޮންމެ ވާހަކަ އަކީ އަހަރެންގެ ހިތުގެ އަޑެވެ. ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައީ އެހެންވެއެވެ. އަހަރެން ތެދުވެ ރޭޑިއޯ ނިވާލުމުން ދަރިފުޅު ހުމައިދު ބޯހިއްލާ ބަލާލިއެވެ. އަހަރެންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ދަރިފުޅަށް ފޮރުވޭތޯ ބެލީމެވެ.

ހަމީޒް އަކީ މާލޭގެ ގެދޮރުހުރި މާލޭގެ މީހެކެވެ. އަހަރެންނަކީ ރާއްޖެތެރޭގެ ރަށެއްގެ މީހެކެވެ. ހަމީޒުގެ ބައްޕަގެ ގޯތިން ބަހައިގެން އޭނާއަށް ލިބު ހަސަތޭކަ އަކަ ފޫޓުވެސް ހަމަނުވާ ކުޑަތަންކޮޅުގައި އަހަރެންމެން ފެށީ އުފާވެރި ދިރިއުޅުމެކެވެ. އެކަމަކު އޭރުވެސް ހަމީޒްގެ ދޮންމަންމަގެ ފަރާތުން ދޭތެރެ ދޭތެރެއިން އުނދަގޫތައް ޖެހެއެވެ. އޭނާ ބޭނުންވަނީ ހަމީޒަށް ލިބު ތަންކޮޅުވެސް އަތުލާށެވެ. ދަހި އަންހެނެކެވެ. ރަހުމުކުޑަ ސައިތާނެކެވެ. މުޅި ދުނިޔެ އޭނާއަށް ލިބުނަސް ހިތެއް ނުފުރޭނެއެވެ. އެހެންނަމަ ހަމީޒުގެ ބައްޕަގެ ގޯތިން އޭނާއަށާއި އޭނާގެ ދަރީންނަށް ފަނަސަތޭކަ އަކަފޫޓަށްވުރެވެސް ބޮޑު ބައެއް ލިބިފައި އޮތް އިރު ފަންޑިތަ ހަދައި ސިހުރު ހާހޫރަ ހަދައިގެން އެތަންކޮޅުވެސް ދަމައިގަންނާކަށް ނޫޅުނީހެވެ.

ހަމީޒްއާއި އިނދެގެން ބޮޑު އެއްކޮޓަރި ސިޓިންގ ރޫމްގެ އެޕާޓްމަންޓެއް ހަދައިގެން އެތަންކޮޅުގެ ތެރޭގައި އަހަރެމެން ދިރިއުޅުނީ އުފަލުގައެވެ. ހަމީޒަކީ ސަރުކާރުގައި ވަޒީފާ އަދާކުރާ މީހަކަށް ވާތީ މާބޮޑު ދަތިކަމެއް ނެތި ދިރިއުޅެވެމުން ދިޔައެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެންނެވެ. އަހަރެން ވަޒީފާއަކަށް ދާން ބޭނުން ނުވީ ހަމީޒަށް ލިބޭ އެއްޗަކުން ދެކޮޅު ޖެހޭތީއެވެ. އޭގައި އިތުރު އެހެން ސަބަބެއްވެސް އޮތެވެ. އެއީ އަހަރެން ވަޒީފާއަކަށް ދާން ފަށައިފި ނަމަ ހަމީޒްގެ ކަންކަން ކޮންދިނުމުގައި ދަތިތައް ދިމާވާނެތީއެވެ.

މަންމަ އަހަރެންނަށް ދަސްކޮށްދިނީ ފިރިމީހާއަށް ހެޔޮކޮށް ހިތާށެވެ. އަނތްބެއްގެ ހައްޤާއި ވާޖިބު އަދާކުރުމުގައި ދެމިހުންނާށެވެ. މައިން ބަފައިންގެ ހަޔާތުން އެނަމޫނާ އަހަރެންނަށް ފެނުނެވެ. ރަށްފުށުގެ ރަށަކަށް ވީ ހިނދުގައިވެސް މެއެވެ. ބައްޕަ މަހުން އަންނަ ވާއިރަށް އަބަދުވެސް މަންމަ ރަނގަޅު ކާއެއްޗެއް ބައްޕައަށްޓަކައި ތައްޔާރު ކުރާނެއެވެ. އަލުން މަހަށް ފުރަން ވާއިރަށް ގެންދާނެ ތަކެތި ތައްޔާރު ކުރާނެއެވެ. ބައްޕަގެ އެއްވެސް ކަމެއްގައި މަންމަ ކުޑަކޮށްވެސް ފަރުވާކުޑައެއް ނުކުރާނެއެވެ. ބައްޕަ ކިތަންމެ ކުޑަ ބައްޔެއްވިޔަސް ބައްޕައަށް ހޭހަން ކުރުމުގައި މަންމަ އަބަދުވެސް ހޭލައި ހުންނާނެއެވެ. މަންމަ އަބަދުވެސް ބުނާނެއެވެ. ދަރިފުޅާއެވެ. "އަބިމީހާގެ ސުވަރުގެއަކީ ފިރިމީހާގެ ގެއެވެ. އެސުވަރުގެ ލިބޭނީ ފިރިމީހާގެ ލޯތްބާއި ރުހުން ލިބުނު އަނތްބަކަށެވެ." އެކަން އަހަރެން އަބަދުވެސް ހަނދާން ހުރެއެވެ. އަހަރެންގެ ގައިގައި އެސިފަތައް ހަރުލާފައިވަނީ ވެސް އެހެންވެގެން ކަންނޭނގެއެވެ.

އަހަރެންނާއި ހަމީޒަށް ފުރަތަމަ ދަރިފުޅު ލިބުނީ ކައިވެންޏަށް ދެއަހަރުގެ ތެރޭގައެވެ. ދެވަނަ ދަރިފުޅު ލިބުނީ ފަސްވަނަ އަހަރުގެ ތެރޭގައެވެ. ކޮންމެ ފަހަރަކުވެސް މާބަނޑުވުމަކީ އަހަރެންނަށް ތަހައްމަލު ކުރަން އުނދަގޫ ވޭނެކެވެ. ނުކެވޭތީއެވެ. ނުބޮވޭތީއެވެ. ހޮޑުލެވޭ ވަރުން ގައިގައި ތެދުވާނެހައިވަރު ނުހުންނާތީއެވެ. ކޮންމެ ކުއްޖަކަށް އަހަރެން ބަލިވެ އިނުމުންވެސް ހަމީޒުގެ ފަރާތުން އާދަޔާ ޚިލާފަށް ލޯތްބާ އަޅާލުން ލިބެއެވެ. ކޮންމެ ކަމެއްގައި އަހަރެންނަށް އެހީވެއެވެ. ބަދިގެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކުގައިވެސް މެއެވެ. ވިސްނޭ ފިރިއެކެވެ. އޯގާތެރި ބައްޕައެކެވެ. އެފަދަ އިންސާނަކު ދުނިޔޭގައި މަދުވާނެއެވެ.

ދެވަނަ ދަރިފުޅު ލިބުނުތާ އަހަރެއް ވީތަނާ އަހަރެމެންގެ އުފާވެރި ހަޔާތް ކަރުނައިގެ ތެރެއަށް ގެނބި ދިޔައީ އެވެ. ހަމަ ކުއްލި އަކަށެވެ. އެއްވެސް މީހަކަށް އެހެން ވާންޖެހުނީ ކީއްވެކަމެއް ނޭނގުނެވެ. ޑަކްޓަރުންނަކަށް ސަބަބެއް ނުހޯދުނެވެ. މެޑިކަލް ތިޔަރީތަކަށް ހަމީޒަށްވީ ދިމާވި ގޮތް ތަފްސީލްކޮށްދޭކަށް ނޭނގުނެވެ. ހަމައެކަނި ޔުނީކް ކޭސް އެކޭ ބުނުން ފިޔަވައެވެ.

ހުކުރު ދުވަހަކު ހުކުރަށް ދާން އުޅެނިކޮށް ހަމީޒު ގޭތެރެއަށް ވެއްޓުނީއެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ހޭނެތިފައެވެ. ހޭއެރީ ދެދުވަސް ފަހުންނެވެ. ހަމީޒު ޕެރަލައިޒްވީއެވެ. ހަށިގަނޑުގެ އެއްފަރާތެއް ނޫނެވެ. މުޅި ހަށިގަނޑެވެ. ކަނދުރާއިން ފެށިގެން ތިރިއެވެ. ޑޮކްޓަރުން އަޖައިބުވީ ހަމީޒުގެ ސިކުނޑިއަށް ސްޓްރޯކެއްވެސް ނުޖެހި ހަށިގަނޑަށް އިތުރު ގެއްލުމެއް ނުވެ ހަމަކުއްލިއަކަށް މީހާ ޕެރަލައިޒް ވުމުންނެވެ. އަދި ޕެރަލައިޒްވުމަށްފަހުގައިވެސް ވާހަކަ ދައްކައި ހެދުމުގައި އޭނާއަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާތީއެވެ. އެހެންކަމުން އެބައްޔަށް ދޭނެ ނަމެއް ބޭސްވެރިކަމުގެ ބަސްފޮތަކު ނެތެވެ.

ހަމީޒް އަށް ވީގޮތެއް ބަލަން އަހަރެން ފަންޑިތަވެރިއެއްގެ ގާތަށް ދާން އުޅުނީމެވެ. އެކަމަކު އެކަމާ ދެކޮޅު ހެދީ ހަމީޒެވެ. އެވެސް ޝިރުކަކަށް ވެދާނެތީއެވެ. އެކަމަކު އެއީ ހަމީޒްގެ ދޮންމަންމަ ދިން ބޮނޑިއެއްކަން އަހަރެންނަށް ޝައްކެއް ނެތް މިންވަރަށް ޔަޤީނެވެ. އެހެން ކަމުން ހަމީޒު ބަލިވެ އަތްމަތި ދަތިވާންފެށުމުން އަހަރެމެން އުޅެމުން އައި ތަންކޮޅު ކުއްޔަށް ދީފައި ހަމީޒާއި ދެކުދީން ގޮވައިގެން އަހަރެން ދިރިއުޅުން ބަދަލުކުރީ ވިލިގިއްޔަށެވެ. ވިލިގިލިން އެއްކޮޓަރީގެ ތަންކޮޅެއް ހިފުމުން މާލޭގައި ހުރި ހަމީޒުގެ ގެއިން ލިބޭ ކުލިން އަހަރެމެންނަށް ދިރިއުޅުން ހަމަޖައްސައިލެވޭ ވަރުވެއެވެ.

ފާއިތުވި ބާރަ އަހަރު ދެކުދިންނާއި ހަމީޒާއި އެކު އަހަރެން ހޭދަކުރީ މި ކުޑަކޮޓަރި ގަނޑުގައެވެ. އެހާ ބަލިހާލުގައި އޮތަސް ކުދީން ބޮޑެތިވަމުން އަންނާތީ ހަމީޒްވެސް މަސައްކަތެއް ކުރަން ބޭނުންވިއެވެ. އޭނާއަކީ ކުރިންވެސް ލިޔާ މީހަކަށް ވާތީއެވެ. އެހެންކަމުން އޭނާ ފެށީ ވާހަކަ ލިޔާށެވެ. އޭނާ ކިޔައިދޭނެއެވެ. އަހަރެން ޓައިޕްކޮށްދީ، ނޫސްތަކަށް ފޮނުވައި ދެނީއެވެ. އެގޮތުގައި އަހަރުތައް ފާއިތުވި އިރު ހަމީޒްގެ ކިބައިން އަހަރެންނަށްވެސް ހުރީ އެހުނަރުތައް ދަސްވެފައެވެ. ލިޔަން އެނގިފައެވެ.

ހަމީޒު ރަނގަޅު ކުރެވޭނެ ގޮތެއް އޮތްތޯ އަހަރެން ވަރަށް ބެލީމެވެ. އެކަމަކު ހަމީޒަށް ވީގޮތް ދެނެގަނެވޭނެ އަދި ފަރުވާއެއް ދެވޭނެ މީހަކު ނުފެނުނެވެ. އެވަރުގެ ޑޮކްޓަރަކު ހުރި ކަމަކަށް ނުވިއެވެ. ނަސީބު ދެރައީ އަހަރެން ކަމެއް ނުވަތަ ހަމީޒްކަމެއް ނޭނގެއެވެ. އެކަމުން އަލިމަގެއް ނުފެނުނެވެ.

ބަލިތަންމަތީގައި ގިނަ ދުވަސްވާން ފެށުމުން ހަމީޒް އަހަރެން ވަރިކުރަންވެސް އުޅުނެވެ. ޒުވާން އަނތްބަކަށް ފިރިއެއްގެ އަޅާލުމާއި ލޯބި ބޭނުންވާނެ ވަރު ވިސްނޭތީއެވެ. އަހަރެންނަށް އެއްވެސްކަމެއް އޭނާއަށް ކޮށް ނުދެވޭނެ ތީއެވެ. އެކަމަކު އެކަމާއި ދެކޮޅު ހެދީ އަހަރެންނެވެ. ހަމީޒްގެ ހިދުމަތުގައި އުމުރު ހުސްކޮށްލަންޖެހުނަސް އެގޮތް އަހަރެންނަށް ރަނގަޅީއެވެ. އެހެނީ ކައިވެނީގެ ގުޅުމަކީ ތާއަބަދުގެ ގުޅުމެކެވެ. އެއީ ކުޅޭ ކުޅިވަރެއް ނޫނެވެ.

ލޯތްބަކީ ކަނު އެއްޗެކޭ ބުނަނީ އެހެންވެ ކަންނޭނގެއެވެ. ހަމީޒްގެ ފަރާތުން އެއްވެސް އެއްޗެއް ލިބެން ނެތަސް އޭނާގެ ގާތުގައި ހުރުމަކީ އަހަރެންނަށް އުފަލެކެވެ. އަހަރެންނަށް ވިސްނުނީ ލޯތްބަކީ ޤުރުބާނީއެއް ކަމުގައެވެ. ވަފާތެރިކަމަކީ ކޮންމެ ހާލެއްގައިވެސް އެކު އުޅުން ކަމުގައެވެ.

ހަމީޒް ބަލިތަންމަތީގައި ގަދަ ނުވެ އަހަރުތައް ގުނެން ފެށުމުން އަހަރެން ހަމީޒާއި ވަކިވުމަށް އާއިލާގެ އެހެން މީހުންވެސް އެދުނެވެ. އުފާވެރިހަޔާތެއް ދެދަރީންނަށްޓަކައިވެސް އަހަރެން ވޭތު ކުރަންޖެހޭނެތީއެވެ. އަހަރެންނާއި އިންނާނެ ޤަދަރުވެރި ފޯރާމީހުންވެސް ތިއްބަތީއެވެ. އެކަމަކު އަހަރެން އެހެން ހެދިނަމަ މުޅި ދުނިޔެވެސް އަހަރެންނަށް ދިނީހީ ލަޢުނަތެވެ. ފިރިމީހާގެ ހިތް ހަލާލު ނުލިބުމުގެ އިތުރުން އާޚިރަތުގައިވެސް އަހަރެންނަށް ދިންނެވުމެއް ނެތީހެވެ.

ދުވަހެއް ދުވަހަކަށް ހަމީޒުގެ ހާލު ދެރަވަމުން އައިސް ފާއިތުވި ހަ މަހެއްހާދުވަހު އަހަރެން އޭނާ ގެންގުޅުނީ ހޮޅިން ކާންދީ ނެޕީޖައްސައިގެންނެވެ. ކުޑަކުއްޖަކު ގެން ގުޅޭ ގޮތަށެވެ. ހަށިގަނޑުގެ ވަރު ދެރަވެ ވިސްނުމާއި ފެނުން ކޮށިވަމުން ދިޔައިރުވެސް އަހަރެންނަށް އުނދަގުލެއް ވިޔަ ނުދޭން އޭނާ ވަރަށް މަސައްކަތް ކުރެއެވެ.

ހަމީޒަކީ ބަރާބަރަށް ފަސްވަގުތު ނާޅައި ނަމާދު ކުރި މީހެކެވެ. ބަލިތަންމަތީގައިވެސް މެއެވެ. އޭނާ ކޮންމެ ނަމާދަކަށް ސާފުކޮށްދީ ވުޟޫކޮށްދީ ހަދަނީ އަހަރެންނެވެ. މިފާއިތުވި ބާރަ އަހަރު އޭނާ ބަލި ތަންމަތީގައި އޮވެ މުޅި ގުރުއާން ޚަތިމްވެސް ހިތުދަސްކޮށްފިއެވެ. އަހަރެން ލައްވައި ކިޔުއްވައިގެންނެވެ. ހަމީޒަށް ދަސްވިއިރު އަހަރެންނަށްވެސް ހުރީ ޤުރުއާން ހިތު ދަސްވެފައެވެ. ދެކެ ބަލާށެވެ. ފިރިއަކަށް ހެޔޮކޮށް ހިތުމުގައި ކަލާނގެ އަހަރެންނަށް މިންވަރު ކުރެއްވި މަތިވެރި ދަރަޖައެވެ.

ހަމީޒު ނިޔާވީ ރޭ ފަތިހުގައެވެ. ފަތިސް ނަމާދު ވަގުތުގައެވެ. އަހަރެން ފަތިސް ނަމާދަށް ތެދުވެފައި ބަލާލިއިރު އެނދުގައި ހަމީޒް އޮތީ ވަރަށް ހެވިފައެވެ. ހީވަނީ ކޮންމެވެސް މީހަކާ ވާހަކަ ދައްކާ ހެންނެވެ. އަހަރެން އޭނާގެ ގާތަށް ގާތްވެލުމުން ދުވީ އާދަޔާ ޚިލާފް މީރުވަހެކެވެ. އެއީ ކޮންތާކުން ދުވި ވަހެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް ފެނުނީ ހަމީޒްގެ މޫނުމަތި ތާޒާ ކަމާއި އުޖާލާކަމެވެ. ނޫރާނީ އަލިކަމެކެވެ. އެހެން ހުރިހާ ރެއަކަށްވުރެވެސް އޭނާގެ މޫނު ރީއްޗެވެ.

އަހަރެން ހަމީޒްގެ އަތުގައި ހިފާލީމެވެ. އެވަގުތު އެއަތް އާދަޔާ ޚިލާފަށް ފިނިވެފައިވާކަން އަހަރެންނަށް އިހްސާސްކުރެވުނެވެ. އަހަރެން ހަމީޒަށް ގޮވާލީމެވެ. އޭނާ ޖަވާބެއް ދިނީ އިރު ކޮޅަކުންނެވެ. ބަލި ހާލު ބޮޑުވެ ވާހަކަ ދެއްކުން ދަތިވެފައިވާ ހަމީޒް އެވަގުތު އަހަރެންނާއި ވާހަކަ ދެއްކީ އެއްވެސް އުނދަގުލެއް ނެތިއެވެ. އެއްވެސް އަޅައި ގަތުމެއް ނެތިއެވެ. އެކަމާއި މެދު އަހަރެން ހައިރާންވިއެވެ. " އަހަރެންނާއި އެކު ސުވަރުގޭގައި ވުން އެދި ދުޢާކުރާށޭ!" ހަމީޒު ބުނިކަން އަހަރެންނަށް އެނގެއެވެ. އޭގެ ފަހުން އޭނާ ކިޔަވަމުން ދިޔައީ ޤުރުއާންކަން އަހަރެންނަށް އެނގުނެވެ. އަހަރެން ކަންފަތްދީ އަޑު އެހީމެވެ. ހަމީޒް ކިޔަވަމުން ދިޔައީ ސޫރަތުލް ފަޖުރުގެ އެންމެ ފަހުގެ އާޔަތްތަކެވެ. އެއާޔަތްތަކުގެ މާނަ އަހަރެންގެ ހިތަށް ވަންނަމުން ދިޔައެވެ. އެއާއި އެކު ހިތަށް ކުރިއަސަރުން ދެލޯ ކަރުނައިން ފުރުނެވެ. "އޭ ހިތްހަމަ ޖެހިގެންވާ ފުރާނަޔާއެވެ. ރުހިގެން ހުރެ އަދި ރުހުން ލިބިގެންވާ ހާލު ތިބާގެ ވެރިރަސްކަލާންގެ ހަޟުރަތަށް އެނބުރި ދާށެވެ."

ހަމީޒްގެ ނޭވާ ހުސްވިއެވެ. އެރީތި ނިމުން އަހަރެން ނޫން މިހަކަށް މިދުނިޔެއަކުން ނުފެނުނެވެ. އަހަރެން ނުރޮމެވެ. ހިތާމައެއްވެސް ނުކުރަމެވެ. ހިތްދަތިވެ ލޮލުން ކަރުނަ ހިލުނަސް ކެތްކުރީމެވެ. ހަމީޒަކީ މާތް މީހެއްކަން އަހަރެންނަށް ޔަޤީންވާތީއެވެ. ދުނިޔެއާއި އާޚިރަތުގައިވެސް އޭނާ އާއި އެކުވުން އެދޭތީއެވެ. އަހަރެންގެ އޮތީ އެންމެ އެދުމެކެވެ. އަހަރެންގެ ދެދަރީންނަކީވެސް ހަމީޒްފަދަ ދެދަރީން ކަމުގައިވުމެވެ.

ހަމީޒް ނިމިދިޔައީ، ދޮންމަންމަ ހެދި ސިހުރުގައި ޖެހިގެންކަން އަހަރެންނަށް އެނގެއެވެ. އެކަމާއި ދެކޮޅަށް ކަމެއް ކުރަން ހަމީޒް ބޭނުން ނުވީއެވެ. އޭނާގެ އީމާނާ އަޤީދާ ވަރުގަދަ ކަމުންނެވެ. އޭނާގެ ހިތުގެ އިހްލާސްތެރިކަމާއި ދީލަތިކަމުންނެވެ. އެހެން ކަމުން މާލެއިން ހަމީޒަށް ލިބިފައިވާ ތަންކޮޅު ކުއްޔަށް ދީފައި އަދި ވިލިގިލިންވެސް ކުއްޔަށް ދީފައި ހުރި ތަން ދޫކޮށްލާފައި ކުދިން ގޮވައިގެން ލަންކާއަށް ބަދަލުވާ އަހަރެން ނިންމައިފީމެވެ. އެކަމަކު ކޮންމެ ތަނެއްގައި ކޮންމެ ހާލެއްގައިވިޔަސް އަހަރެން ހަމީޒްގެ މަތިން ހަދާން ހުންނާނެއެވެ. އޭނާއަށް ވަފާތެރި ވާނަމެވެ. އޭނާމަރުވީ ދުނިޔެއަށެވެ. އަހަރެންނަކަށް ނޫނެވެ.

– ނިމުނީ –

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *