މާލޭ މޭޔަރުކަމުގެ ރަސްމީ މަސައްކަތާއި ހަވާލުވެ ފުރަތަމަވެސް ކުަރައްވާނެ މަސައްކަތަކީ ގުޅިފަޅަކީ ގެދޮރުގެ މަންޒިލަކަށް ހަދައި ދިނުން ކަމަށް، މާލޭގެ މޭޔަރުކަމުގެ މަގާމު ކާމިޔާބުކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން މާލޭގެ ބައެއްގެ ގޮތުގައި ގެދޮރުވެރިކަމުގެ ޕްރޮޖެކްޓް ތަކެއް ހިންގަން ނިންމާފައިވާ ގުޅިފަޅުގައި މިސަރުކާރުން ނިންމާފައިވަނީ މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީކުރުމަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެއިން ލިބުނު ކާމިޔާބީއާގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވި ޑރ މުޢިއްޒު ވިދާޅުވީ، މާލޭގެ ރައްޔިތުން މި ދިން ވޯޓަކީ، ގުޅިފަޅަކީ ގެދޮރުގެ މަންޒިލަކަށް ހަދަން ބޭނުންވާކަމުގެ ވޯޓެއް ކަމަށެވެ. އަދި މޭޔަރުކަމުގެ ރަސްމީ މަސައްކަތުގައި އެންމެ ފުރަތަމަވެސް ކުރައްވާނެ މަސައްކަތަކީ، ގުޅިފަޅަކީ ގެދޮރުގެ މަންޒިލަކަށް ހަދައި ދިނުމަށް ސަރުކާރާއެކު މަޝްވަރާކޮށްގެން އެކަން ހަގީގަތަކަށް ހަދައި ދިނުން ކަމަށެވެ.
މުއިއްޒު ވިދާޅުވީ މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުރެގެން ސަރުކާރާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑު ކުރިމަތިލީ މާލެއަށް ދިމާވެފަ ހުރި އެކި އެކި މައްސަލަތައް ހައްލުކުރުމަށްޓަކައި. އަޅުގަނޑު އުފާވަނީ އެ ފުރުސަތު ދެއްވީތީ. އަޅުގަނޑަށް އިތުބާރު ކުރެއްވީތީ. ތި ބޭފުޅުން ކުރެއްވި އިތުބާރު އަޅުގަނޑު އިހުލާސްތެރިކަމާއެކު ދަމަހައްޓާނަން."
– މުޢިއްޒު
މީގެ އިތުރުން ސިޓީ ކައުންސިލަށް އިންތިހާބުވި 18 ކައުންސިލަރުންނާއެކު، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ނަތީޖާ ނެރޭދޭނެ ކަމަށާއި، ސަރުކާރުން ކުރާ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އަމިއްލަ އެޖެންޑާއަކަށްވުރެ ގައުމުގެ އެޖެންޑާ އިސްކުރަންޖެހޭ ކަމަށެވެ.
މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާފައި މިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރު ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ.
މި އިންތިހާބުން ހޯއްދެވި ކާމިޔާބީއާއެކު މުއިއްޒު ވެގެންދާނީ މާލޭ ސިޓީއަށް އިންތިހާބުވެގެން އަންނަ ފުރަތަ މޭޔަރަށެވެ. މީގެ އިތުރުން މާލޭ ސިޓީކަައުންސިލްގެ ތާރީހުގައި ވެސް އެމްޑީޕީގެ ނޫން ބޭފުޅަކު މޭޔަރުކަން ކުރާނެ ފުރަތަމަ ފަހަރަކީ މިފަހަރެވެ.