ފެންނަނީ ބަލިމަޑުކަމެއްގެ މަތިއަޅުވައި ރައްޔިތުން ބަންދުކޮށް ވެރިން ނާޗަރަންގީކުޅޭތަން: ޣައްސާން

ފެންނަނީ ބަލިމަޑުކަމެއްގެ މަތިއަޅުވައި ރައްޔިތުން ބަންދުކޮށް ވެރިން ނާޗަރަންގީކުޅޭތަން: ޣައްސާން

Author
ޢަލީ އާދަމް
08 އޭޕްރިލް 2021 09:45
0

މިހާރު ފެންނަމުން ދަނީ ބަލިމަޑުކަމެއްގެ މަތި އަޅުވާފައި ރައްޔިތުން ބަންދުކޮށްފައި ބައިތިއްބައިގެން ވެރިން ނާޗަރަންގީ ކުޅުއްވާ މަންޒަރު ކަމަށާއި މިކަން އެންމެ ރަނގަޅުކަމަށް ޤަބޫލުނުކުރެވޭ ހުރިހާ ރައްޔިތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެނޑިޑޭޓުންނަށް ވޯޓުދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބްގައި ވޯޓުދޭންވީ ވަރަށް ފުންކޮށް ވިސްނާފައި ކަމަށެވެ. އެގޮތުން އިސްލާމްދީނަށް ފުރައްސާރަކުރުމާއި އަދުލު އިންސާފުން ރައްޔިތުން މަހުރޫމުވުމާއި ވައްކަން އާންމުވުން އެންމެ ރަނގަޅުކަމަށް ޤަބޫލުނުކުރެވޭ ހުރިހާ ރައްޔިތުން ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓް ދޭންޖެހޭ ކަމަށެވެ.

"ގައުމުގެ ހާލަތު އޮތީ އައިސީޔޫގައި، މިހާލަތު ބަދަލުކުރެވެން އޮތީ ރައްޔިތުންގެ އަތްމަތީގައި" ޣައްސާން

ޣައްސާން ވިދާޅުވީ މިހާރު ދިވެހި ރައްޔިތުން ކުރިމަތިލާންޖެހިފައި މިވަނީ ވަރުގަދަ ހަނގުރާމައަކާ ކަމަށާއި، ހަނގުރާމައަކީ ހަމައެކަނި ކަނޑި ބަޑިން ކުރެވޭ ކަމެއް ނޫންކަމަށެވެ. އެގޮތުން ގަލަމަކީ މާވަރުގަދަ ހަތިޔާރެއް ކަމަށާއި އެ ގަލަމުން ޖަހާ ފާހަގައިން ގައުމުގެ މިސްރާބު ބަދަލުކޮށްލެވޭނެ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

ދިވެހިން އެދޭފަދަ ދިވެހި ގައުމެއް ބޭނުންނަމަ މި ފުރުސަތުގެ ބޭނުންހިފައި ގައުމުދެކެ ލޯބިވާ އެންމެން ނުކުމެ ޕީޕީއެމް ޕީއެންސީގެ ކެނޑިޑޭޓުންނަށް ހޮނިހިރު ދުވަހު ވޯޓުދިނުމަށް ޣައްސާން ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.