ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފައިވާ މެންބަރުކަމަށް އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާ އަރުވާލި ގާސިމް އަބްދުލް ކަރީމް އައްޔަން ކުރުމުގެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާކޮމިޓީން ޤާސިމްގެ މައްސަލަ ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ޤާސިމް އައްޔަން ކުރަން ފެންނަކަށް ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 3 ބައި ކޮށްފަ 2 ބައި މެމްބަރުންގެ އައުލަބިއްޔަތުންނެވެ.
ޤާސިމްއަކީ ސަރުކާރުގެ ތެރެއިން މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނަތާ ގުޅޭ މަޢުލޫމާތު ފުރަތަމަ ފަހަރަށް ފަޅާ އަރުވާލި ފަރާތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.
ޤާސިމްގެ އިތުރުން އެކޮމިޝަނުން ހުސްވެފައިވާ 3 މެމްބަރުންގެ މަޤާމަށް މެމްބަރުން ކަނޑައެޅުމަށް ކޮމިޓީން ފޮނުވާފައިވާ ނަންތަކަށްވެސް މާދަމާގެ މަޖިލީހުގައި ވޯޓަށް އެހުމަށް ވަނީ ހެމަ ޖެހިފައެވެ.
އިންޓަގްރީ ކޮމިޝަންގެ ހުސްވެފައިވާ ތިން މެމްބަރުންގެ މަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ކޮމިޓީން އިސްކަން ދީފައިވަނީ 4 ބޭފުޅަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ، އާމިނަތު ޝާދިޔާ، އާމިނަތު ޝިއުނާ، އަލީ މުހައްމަދު މަނިކުގެ އިތުރުން ޝުއައިބް އަބްދުއްރަހުމާނެވެ. މީގެ ތެރެއިން ފާސްކުރެވޭނީ 3 މެމްބަރެކެވެ. ތަޅުމުގައި ވޯޓަށް އަހާނީ ކޮމިޓީން ނަންތައް ފޮނުވާފައިވާ ތަރުތީބުންނެވެ.
ކޮމެންޓު ފޮނުވާ