ސަރުކާރުން ވައްކަންކޮށްފައި ވާކަން އެމްޑީޕީގެ ރައީސް އިއުތިރާފް ވެފައި ވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން ދޭހަވަނީ އަދުގެ ސަރުކާރުން ވައްކަން ކޮށްފައި ވާކަމަށް ރައީސް ނަޝީދު އިއުތިރާފްވުން ކަމަށެވެ. އަދި އަދުގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫންކަމަށް ދައްކަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަން ނުވާނެ ކަމަށާއި 2018 ވަނަ އަހަރު ވޯޓުން އިންތިހާބުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި އައި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓައް ކަމަށެވެ.
ރައްޔިތުންނަށް އިތުރަށް އޮޅުވާނުލައި، ރައްޔިތުންނަށް ހެވެއް އެދޭ ބައެއް ނަމަ މިހާރުން މިހާރަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީން ރައީސް އިމްޕީޗް ކުރުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް އަބްދުއްރަހީމް ވަނީ ރައީސް ނަޝީދަށް އިލްތިމާސް ކުރައްވާފައެވެ.
"ވައްކަންކުރާ ސަރުކާރަކާއެކީ އެމްޑީޕީން ނޯންނާނެނަމަ އިބްރާހީމް މުޙައްމަދު ޞާލިހްގެ އިތުބާރުނެތްކަމުގެ މައްސަލަ ވައްދާ ފާސްކުރަންވީ ނޫންތޯ؟ އޭރުން ވައްކަންކުރާ ސަރުކާރު ނިމުމަކަށް ގެނެވުނީ"
– އަބްދުއްރަހީމް
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އިތުބާރު ނެތްކަމުންގެ މައްސަލަވެސް ޕީޕީއެމުން މަޖިލީހަށް ވައްދާނެ ކަމަށާއި، އެމްޑީޕީގެ މެޖޯރިޓީން އެ މައްސަލައާމެދު ކަންތައްކުރާ ގޮތުން އެބޭފުފުޅުންގެ ހުރި އިހްލާސްތެރިކަންވެސް އެނގިގެން ދާނެ ކަމަށެވެ.
އަދި އެމްޑީޕީގެ މިހާރުގެ މަގްސަދަކީ ސަރުކާރުގެ ތެރެއިން ކޮށްފައިވާ ވައްކަމަކީ އެޕާޓީއާއި ގުޅުމެއްނެތް ކަމެއް ކަމަށް ދައްކައި ވައްކަމުން ސަލާމަތް ވެވޭނީ އެމްޑީޕީއަށް ވޯޓުދީގެން ކަމަށް ރައްޔިތުންނަށް ވިސްނައި ދިނުން ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އަބްދުއްރަހީމް ވިދާޅުވީ މިފަދަ ކަންކަމަށް ދިވެހި ރައްޔިތުން މިހާރު ހޭލައި ތިބި ކަމަށާއި ދެން އޮޅުވައި ނުލެވޭނެ ކަމަށެވެ.