ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މުޙައްމަދު އަޙްމަދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކެއްގެ ސަބަބުން ޝަރީއަތް ނިމެންދެން ބަންދު ގައި ހުރިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަށް އުފުލާފައި ކުޑަކުއްޖަކާ ގުޅޭ ޖިންސީ ކުށުގެ މައްސަލައެކެވެ. އެގޮތުން މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އަދި ރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މި މައްސަލަތަކުގައި މިދިޔަ ނޮވެމްބަރު މަހު އޭނާއަށް ދައުވާ އުފުލާފައިވާ އިރު، އޭނާ މިވަގުތު ހުރީ މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
މުޙައްމަދު އަޙްމަދަކީ މީގެ ކުރިންވެސް އެރަށު ކައުންސިލް މެމްބަރުކަން އަދާކޮށްފައިވާ ފަރާތެކެވެ. އެގޮތުން އޭނާ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުއްޓާ އޭނާއަށް ވަނީ 2015 ވަނަ އަހަރު ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައެވެ. އެ މައްސަލަ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ އިރު، އެ މައްސަލަ އަދި ފަށާފައެއް ނުވެއެވެ. ރަށު ކައުންސިލު ރައީސްކަމަށް ކުރިމަތިލުމަށް އޭނާއަށް ޕީޕީއެމްއިން ޓިކެޓު ދިން އިރުވެސް އޭނާއަށް އޮތީ އެ މައްސަލައިގައި ދައުވާކޮށްފައެވެ.
މި ދައުވާތަކުގެ އެއްވެސް މައްސަލައެއް ޝަރީއަތަށް އަދި ސާބިތުނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދި އޭނާގެ ކެނޑިޑެސީއާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.