މި ރާއްޖޭގައި މިވަގުތު ޖުހާ ހުރިނަމަ އެއީ އެޗްޕީއޭ: މުއާޒް

މި ރާއްޖޭގައި މިވަގުތު ޖުހާ ހުރިނަމަ އެއީ އެޗްޕީއޭ: މުއާޒް

މި ރާއްޖޭގައި މިވަގުތު ޖުހާ ހުރިނަމަ އެއީ އެޗްޕީއޭ ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ އިދިކޮޅުކޯލިޝަންގެ ކެމްޕެއިން މެނޭޖަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އިންތިޚާބު ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްޕީއޭގެ ނިންމުންތަކަށް ފާޑުވިދާޅުވަމުން މުއާޒް ވިދާޅުވީ އެޗްޕީއޭ އިން މިހާރު ނިންމާ ނިންމުންތައް ދެއުޅި އެއްނުވާ ކަމަށެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާއަކުން ކޮށްފާނެ ފަދަ ކަންކަން ކަމާމެދުވެސް ސުވާލު އުފެދޭ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އެޗްޕީއޭއާއި އިލެކްޝަންސް ކޮމިޝަން ފަދަ ދައުލަތުގެ މުޢައްސަސާތަށް ބޭނުންކޮށްގެން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނާނެ ގިނަ ކަންތައްތައް ތަކުރާރުވަމުން އަންނަ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ. އެގޮތުން ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ހައްޤާއި ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމަށް ލިބެންޖެހޭ ބައެއް ފައިސާ ނުލިބުމުގެ ސަބަބުން އެޕާޓީގެ ކެނޑިޑޭޓުން ކެމްޕެއިންގެ ޚަރަދުތަށް ކުރުމަށް ދަތިތަކާާ ކުރިމަތިވެފައި ވާކަންވެސް މުއާޒް ފާހަގަ ކުރެއްވިއެވެ.

ކެނޑިޑޭޓުންގެ އިންތިޚާބީ ހައްޤުތައް ކަށަވަރު ކުރުކޮށްދިނުމަކީ ގާނޫނަކުން އިލެކްޝަންސް ކޮމިޝަނަށް ލާޒިމުކުރާ ކަމެއް، އެއީ ޝަރީފުގެ ހެޔޮފުޅުކަމުން ނުނީ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ކުރަން އޮންނަ ކަމެއް ނޫން"

– މުއާޒް

މުއާޒް ވިދާޅުވީ ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އުނިކަން އަންނަނަމަ ކެނޑިޑޭޓުން ވަކިވަކިންވެސް އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް އެޕާޓީން އެދޭކަމަށެވެ. އަދި އެކަމުގައި ޤާނޫނީގޮތުން ކުރެވޭނެ ކަންކަން ދެނެގަނެ ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން ޕާޓީގެ ފަރާތުން ކުރިގެންދާނެ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

ސަރުކާރާއި އިލެކްޝަންސް ކޮމިޝަނާއި އެޗްޕީއޭ އިން ޕާޓީތަކުގެ މެދުގައި އިންތިހާއަށް ތަފާތުކުރުން ގެންގުޅޭކަމަށާއި، މިފަދަ ގޮތަކަށް ބޭއްވޭ އިންތިޚާބެއްގެ ސައްހަކަމާމެދުވެސް ސުވާލު އުފެދޭކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *