ކޯވިޑް-19އާއި ގުޅިގެން އެޗްޕީއޭއިން އަޅަފައިވާ ފިޔަވަޅުތަކާއި ޚިލާފްވެގެން ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއާއި އިދކޮޅު ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފިއެވެ. އެ ތިން ޕާޓީ ޖޫރިމަނާކޮށްފައިވާކަން ފުލުހުން ހާމަކުރެއްވިނަމަވެސް އިތުރު ތަފްސީލެއް ހާމަނުކުރައްވައެވެ. އަދި ޖޫރިމަނާ ކުރީ ކިހާ ޢަދަދަކުންކަންވެސް ވިދާޅެއް ނުވެއެވެ.
އެމްޑީޕީ ޖޫރިމަނާކޮށްފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަރަކާތުގައި އެޗްޕީއޭގެ އުސޫލްތަކާއި ޚިލާފުވުމުންނެވެ. އެމްޑީޕީން ބުނެފައިވަނީ އެ ހަރަކާތް ބޭއްވި އެޗްޕީއޭގެ ހުއްދައާއި އެކުކަމަށެވެ. ނަމަވެސް ކޯވިޑް-19 މާލެ ސަރަހައްދުގައި ފެތުރުން އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވަގުތެއްގައި މާލެ ސަރަހައްދުގައި އެއްވެ ނޫޅެވޭގޮތަށް އުސޫލު އާންމުކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ އެ ހަރަކާތުގައި އެއަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. އަދި މާސްކު ނާލާއި ގައިދުރުކަންވެސް ބަހައްޓަފައިނުވެއެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީވެސް ޖޫރިމަނާކޮށްފައި މިވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެޕާޓިގެ އިސްވެރިންނާއި ޕާޓީގެ މެންބަރުން އެއްވެސް މުޒާހަރާކުރުމުގެ ސަބަބުންނެވެ. އެ ދެޕާޓިން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.
އެމްޑީޕީއާއި ޕީޕީއެމް އަދި ޕީއެންސީ ޖޫރިމަނާކޮށްފައިވާއިރު، ފުލުހުން ވަނީ ޕީޕީއެމް ޕީއެންސީގެ އެއްވުން ހުއްޓުވާ މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށްފައެވެ. ނަމަވެސް އެމްޑީޕީ ޖޫރިމަނާކުރިކަމަށް ފުލުހުން ބުނިނަމަވެސް އެ ހަރާކާތް ފުލުހުން ހުއްޓުވާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ