ޖަޕާން ސަރުކާރުންވަނީ މިމަހުގެ 21 ވަނަ ދުވަހު ހިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ނިންމާފައި

އަންނަ ހަފްތާގައި ސްޓޭޓް އޮފް އެމަޖެންސީ އުވާލުމަށް ޖަޕާނުން ތައްޔާރު ވަނީ

އަންނަ ހަފްތާގައި ސްޓޭޓް އޮފް އެމަޖެންސީ އުވާލުމަށް ޖަޕާނުން ތައްޔާރު ވަނީ

ދުނިޔޭގައި ކޯވިޑް19 ފެތުރެންފެށިފަހުން، ދެވަނަ ފަހަރަށް އިއުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ހަފްތާގައި އުވާލުމާއި ގުޅޭގޮތުން، ޖަޕާނުގެ ކޯވިޑް19 ކާރިސާގެ ހާލަތު ދިރާސާކޮށް ނިންމާނެ ގޮތްތަކެއް ކަޑައެޅުމުގެ މަސައްކަތް ޖަޕާނުގެ މަރުކަޒީ ސަރުކާރުން ފަށައިފިއެވެ.

ޖަޕާނުގައި 2ވަނަ ފަހަރަށް އިއުލާނުކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ދަމަހައްޓާފައިވަނީ، ވެރިރަށް ޓޯކިޔޯއާއި އެސިޓީގެ ވަށައިގެންވާ ސަރަހައްދުގައެވެ. މިގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާފައިވަނީ މިމަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.

ކޯވިޑް19އާއި ގުުޅުންހުރި ކަންކަމަށް ރިއާޔަތްކޮށް، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅޭގޮތުން ސަރުކާރުން ގޮތެއް ނިންމުމަށްޓަކާ، ޖަޕާނު ސަރުކާރުން އުފައްދާފައިވާ ކޮރޯނާ ވައިރަސް ޓާސްކްފޯސްގެ ފަރާތުން އަންނަ ހަފްތާގައި ބައްދަލު ކުރާގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.

ޖަޕާނުގެ ސިއްޙީ އިދާރާތަކުން މައުލޫމާތު ދޭގޮތުގައި، ވެރިރަށް ޓޯކިޔޯގެ އިތުރުން، އިންވެގެން އޮންނަ ސައިތާމާ، ޝިބާ އަދި ކަނަގާވާ ޕްރީފެކްޗަރގަވެސް ކޯވިޑް19ގެ ހާލަތު މިހާރުވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވިދާނެ މިގަޑުތަކަށް ދަށްކުރެވިފައެވެ.

މިސާލެއްގެ ގޮތުން، ޖަޕާނުގެ ސިއްހީ އިދާރާތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، ކެބިނެޓް ސެކެޓްރިއޭޓްއިން ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހެލްތު އިމްޖެންސީގައި، ހޮސްޕިޓަލުގެ އެދުތައް ބޭނުން ކުރެވުމުންދާ ނިސްބަތް މިހާރުވަނީ، ފިޔަވަޅުތައް އަޅާފައިވާ ޕްރީފެކްޗަރތަކުގައިވެސް 4 ވަނަ ދަރަޖައަށްވުރެ ދަށުގައި ހިފެހެއްޓިފައެވެ. 4 ވަނަ ދަރަޖައަކީ، ޖަޕާނުގެ އިދާރާތަކުން ކަޑައަޅާފައިވާ، ކޯވިޑް19ގެ ހާލަތު އެންމެ ގޯސް ގިންތިއެވެ.

ކޯވިޑް ކާރިސަގެ ތެރޭގައި ޖަޕާނުގައި 2 ވަނަ ފަހަރަށް އިއުލާން ކުރެވުނު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވަނީ މިއަހަރުގެ ޖެނުއަރީމަހުއެވެ. މިގޮތުން މިހާލަތު އެންމެ ފުރަތަމަ އިއުލާން ކުރެވިގެންދިޔައީ 4 ޕްރީފެކްޗަރއެއްގައި ކަމުގައިވި ނަމަވެސް، ފަހުން ވަނީ 7 ޕްރީފެކްޗަރއަކަށް މިފިޔަވަޅުތައް ފުޅާ ކޮށްފައެވެ. އެހެންނަމަވެސް، މިހާރު ފިޔަވަޅުތައް ދަމަހައްޓާފައިވަނީ 4 ޕްރީފެކްޗަރއެއްގައެވެ. ޖަޕާނު ސަރުކާރުންވަނީ، އިތުރު ޕްރީފެކްޗަރތަކުގައި އަޅާފައިވާ ފިޔަވަޅުތައް މިމަހުގެ ކުރީކޮޅު އުވާލާފައެވެ.

ވެރިރަށް ޓޯކިޔޯ ހިމެނޭގޮތުން ކައިރީގައިވާ ސަރަހައްދުތަކުގައި، އިތުރު 2 ހަފްތާއަށް ފިޔަވަޅުތައް ދެމެހެއްޓުމަށް މިމަހުގެ ކުރީކޮޅު ނިންމިއިރު، ޖަޕާނުގެ ސިއްޙީ އިދާރާތަކުން އޭރު އަމާޒުކޮށްފައިވަނީ، މިމުއްދަތު ނިމޭއިރު، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ހޮސްޕިޓަލްގެ އެދުތައް ބޭނުން ކުރެވެމުންދާ ނިސްބަތް 3 ވަނަ ދަރަޖައަށްުރެ ދަށް ކުރުމަށެވެ. މިއީ ޖަޕނުގައި ކޯވިޑްގެ ހާލަތު ގިންތިކުރުމަށް ކަޑައަޅާފައިވާ ދެވަނަ ދަރަޖައެވެ.

ސްޓޭޓް އޮފް އެމަޖެންސީގެ ހާލަތުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ރެސްޓޯރަންޓުތަކާއި ބާރތައް ރޭގަޑު 8 ޖަހާއިރު ބަންދުކުރަން ޖެހެއެވެ. އަދި މިތަންތަނުގައި، ބަންދުކުރުމުގެ 1 ގަޑިއިރު ކުރިން، ރާވިއްކުން ހުއްޓާލަން ޖެހެއެވެ.

އަދި މަގުބޫލު އުޒުރެއްނެތި ރޭގަޑު 8ގެ ފަހުން ބޭރަށް ނިކުމެ ނޫޅުމަށްވެސް، ފިޔަވަޅުތައް އަޅާފައިވާ ސަރަހައްދުގެ ރައްޔިތުންނަށް ކަމާ ގުޅުންހުރި މުވައްސަސާތަކުން ވަނީ އިރުޝާދު ދީފައެވެ.

ހެލްތު އިމަޖެންސީގެ ދަށުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ދެހަފްތާއަށް ދިގުދެންމުމަށް ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ނިންމަވާފައިވީ ނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފިޔަޅުތައް ދިގުދެންމުމަށް މިފަހަރު ބޮޑުވަޒީރު ނިންމަވާފައިވަނީ، މިއީ މުއްދަތު އިތުރުކުރާނެ ފަހުފަހަރު ކަމަށް އުއްމީދު ކުރައްވައިގެންނެވެ.

“އިތުރަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެގެން ނުދާނެ ގޮތަކަށް ކަންކަން ކުރުމަށާއި އަދި އިތުރު ސްޓޭޓް އޮފް އެމަރޖެންސީއެއް އަޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން،” ސުގާ ވިދާޅުވެފައި ވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށްފަހު، ޖަޕާނަށް އެތެރުވުމުގެ ހުއްދު އެތުލީޓުންނަށް ދޭންފެށުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *