ވަކިތާކު އުޅޭތީ ފްލެޓް ލިބޭކަށް ނުޖެހޭ: އީވާ

ވަކިތާކު އުޅޭތީ ފްލެޓް ލިބޭކަށް ނުޖެހޭ: އީވާ

Author
މުޙައްމަދު ޖިމީ
09 މާރޗް 2021 11:34
0

ވަކިތަނެއްގައި މަސައްކަތްކުރާތީ ބޯހިޔާވަހިކަން ލިބިގެން ނުވާނެކަމަށާއި، ބޯހިޔާވަހިކަން ލިބެންޖެހޭނީ އޭގެ އެންމެ ހައްގުވެރިންނަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރުން ސްޓެލްކޯއާއި ހަވާލުކޯށްގެން ޢިމާރާތްކުރި ހިޔާ މަޝްރޫޢުގެ ފްލެޓްތަކާއި ގުޅިގެން މަޖިލީހަށް ހުށައެޅި މައްސަލައެއް ކޮމިޓިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ، ބޯހިޔާވަހިކަމަކީ ވަކިތާކު މަސައްކަތްކުރާތީ ލިބެންޖެހޭ އެއްޗެއްނޫންކަމަށެވެ. މާލެއަކީ މުޅި ރާއްޖޭގައިވެސް ބިމާއި ގޯތި ހޯދުމަށް ދަތި ތަނަކަށް ވެފައިވާއިރު، ވަކިވަކި ކުންފުނިތަކުން ނިޒާމްތައް ކަނޑައަޅައިގެން ނުވަތަ އުސޫލްތައް ކަނޑައަޅައިގެން ވަކި ބަޔަކަށް ފްލެޓް ލިބޭގޮތް ހެދުމުން ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައި ތިބި މީހުން ބޯހިޔާވަހިކަމުން މަހުރޫމްވާކަމަށެވެ.

މިސާލަކަށް ސްޓެލްކޯގަ މަސައްކަތްކުރީ 25، އެސްޓީއޯގައި މަސައްކަތްކުރީ 30 އަހަރު. އެކަމު މާލޭގައި އެބައޮތް 3 ގޯތި 4 ގޯތި 5 ގޯތި. އެހެންކަމަށްވަންޔާ އެމީއަކަށް ލިބިގެނެއް ނުވާނޭ. ބޯހިޔާވަހިކަން ލިބެންޖެހޭ މުވައްޒަފުން އެއީ ސްޓެލްކޯގައ އުޅުނަސް ރައްޔިތުންގެ މަޖިލީހުގަ އުޅުނަސް އަދި ފޮރިން މިނިސްޓްރީގަ އުޅުނަސް، ސަރުކާރުގަ އުޅުނަސް ސިވިލް ސާރވިސްގަ އުޅުނަސް، ކޮންމެ ތަކު އުޅުނަސް ބޯހިޔާވަހިކަން މީހުން އަންނވާނީ މައިގަނޑު އެ ސިޔާސަތެއްގެ އެއްލިސްޓެއްގެ ޕްލޭނެއްގެ އެއް ޕްރޮގްރާމެ އެއް އުސޫލެއްގެ ތެރެއިންނޭ.

– މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ

އީވާ ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުން އެންމެ ރަނގަޅަށް އެނގޭނީ މާލޭ ސިޓީ ކައުންސިލަށްކަމަށާއި، ބޯހިޔާވަހިކަން ލިބެންޖެހޭ މީހުން ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުން، ޗެއަރމަނުން އަދި ކުންފުނިތަކަށް ނޭނގޭނެކަމަށް އީވާ ވިދާޅުވިއެވެ.

އިީވާ ވިދާޅުވީ، މީގެ ކުރީގެ ބޯހިޔާވަހިކަމުން ފްލެޓް ލިބިފައިވާ މީހުންނަށް، ސިޔާސީ ގޮތުން ވަކި ބަޔަޔަކާއި ގާތްކަން އޮތުމުން ބައެއް ކުންފުނިތަކުން ވަޒީފާދީ، އަދި ފްލެޓްވެސް ދީފައި އެބަހުރިކަމަށެވެ. އަދި ފްލެޓް ލިބުމުން ވަޒީފާއިން ވަކިވެފައިވާކަމަށެވެ. އީވާ ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އެފަދަ ވަރަަށް ގިނަ މައްސަލަތައް އެބަހުރިކަމަށާއި، އެކަން އެނގިގެންދިޔައީ މަޖިލީހުގައި ކުންފުނިތަކާއި ގުޅޭ ޚާއްޞަ ކޮމިޓީއެއް އެކުލަވާލާ މަސައްކަތްކުރުމުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.