ޙަޤީޤީ ލީޑަރޝިޕަކީ މީހަކު ތަބަކަކަށް ލާފައިދޭ އެއްޗެއް ނޫން: މާރިޔާ

ޙަޤީޤީ ލީޑަރޝިޕަކީ މީހަކު ތަބަކަކަށް ލާފައިދޭ އެއްޗެއް ނޫން: މާރިޔާ

Author
މުޙައްމަދު ޖިމީ
08 މާރޗް 2021 11:38
0

ޙަޤީޤީ ލީޑަރޝިޕަކީ މީހަކު ތަބަކަކަށް ލާފައިދޭ އެއްޗެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. ސިފައިންގެ އައްޑަނަ މައްސަލާއަށް މިނިސްތަރ ލިޔުއްވާ ލިޔުން މިހަފްތާ ޚައްޞަކޮށްފައިވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއެވެ.

އައްޑަނަ މަޖައްލާއަށް މިނިސްޓަރ ލިޔުއްވި ލިޔުއްވުމުގައި އަންހެނުންގެ ދުވަހުގެ ހެެޔޮއެދުމާއި ތަހުނިޔާ ފޮނުއްވުމަށްފަހު މިނިސްޓަރ ވަނީ، މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރު ބިނާކޮށްފައިވަނީ ލީޑަރުންގެ ގޮތުގައި އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށް ކަމަށް ވާއިރު، ކޮންމެ ކަމެއް އަލަށް ފަށައިގަންނައިރު، ވަރަށް އުސް އޮޅިތަކެއް ގިރާކުރަންޖެހޭނެކަމަށް ޤަބޫލުކުރަންވާނެކަމަށް ވިދާޅުވެފައެވެ. ފިރިހެނުން ގިނަ ތަނަކަށް އައިސް، އަންހެނަކަށް ވީތީ، ތިމަންނާއަށް މިވެނި އެވެނި ކަމެއް ނުކުރެވޭނޭ ބުނުމުގެ ބަދަލުގައި، ކެރިގެން ނުކުމެ، ހަމަ ކޮންމެ ކަމެއްވެސް ކުރެވުނު އެންމެ ރަނގަޅަކަށް ކުރުމުގެ ޖޯޝާއި ރޫޙު ކަށިން ނެރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، ވޭތުވެދިޔަ 2 އަހަރުދުވަހުގެ ތެރޭގައި، އަންހެން ސިފައިން އާދަޔާޚިލާފު ކުރިއެރުންތަކެއް ޙާސިލްކުރައްވާފައިކަން ފާހަގަކުރައްވާކަމަށް މިނިސްޓަރ މާރިޔާ ވިދާލުވިއެވެ.

މިއަދު، އެމްއެންޑީއެފް ފަދަ އޭޕެކްސް އޯގަނައިޒޭޝަނެއްގެ އެންމެ މަތީ ފަޑީގައި، ލަފާދޭ މަޖިލީހުގައި، ފުރަތަމަ ފަހަރަށް، ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުން ތިއްބަވާއިރު، އެ ދެއޮފިސަރުންނަކީވެސް އަންހެން ބޭފުޅުންނެވެ. މިއަދު، އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެއެވެ. މިހިނދުވެސް، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހަރސްޓްގައި، ފުރަތަމަ ފަހަރަށް، ދިވެހި އަންހެން އޮފިސަރ ކެޑޭޓަކު ގެންދަވަނީ ކޮމިޝަނިންގ ކޯހެއް ފުރިހަމަކުރައްވަމުންނެވެ.

-ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ

އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާގައި ޙަޤީޤީ ލީޑަރޝިޕަކީ މީހަކު ތަބަކަކަށް ލާފައިދޭ އެއްޗެއް ނޫންކަމަށާއި، އެއީ، ތިމާގެ އަމިއްލަ ހިތްވަރާއި ފަންވަރުން ޙާސިލްކޮށް، ދަމަހައްޓާ މުހިންމު، ބުރަ މަސްޢޫލިއްޔަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ، ތިމާޔަކީ އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް، ތިމާ ކުރިއަރާނީ ތިމާ އަމިއްލައަށް ކުރާ ބުރަ މަސައްކަތުންނާއި ދައްކާ ހުނަރުންކަމެވެ. ތިމާގެ ވަށައިގެން ބަޔަކު އެހީވެދޭން ތިއްބަސް، ކާމިޔާބީގެ ހަރުގަނޑުން އަރާ މައްޗަށް ދެވޭނީ ޚުދު ތިމާގެ އަތްފަޔަށް ލާ ހިތްވަރަކުންނެވެ. ކައިރީގައި ތިބި މީހުންނަށް ކޮށްދެވޭނެ އެންމެ ބޮޑު މިންވަރަކީ ހަރުގަނޑުގައި ހިފަހައްޓައިދިނުމެވެ. އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައޭ ބުނާ އުޞޫލުންނެވެ.

– ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައިވާއިރު، ސިފައިންގެ އިސް ސަރުގެ އެންމެ މަތީ ރޭންކުތަކަށް އަނެހްނެ ސިފައިން މިސަރުކާރުން ވަނީ އައްޔަންކުރައްވާފައެވެ. އަދި ސިފައިންގެ ލަފާދޭ ބޯޑަށްވެސް އަންހެން ސިފައިން އައްޔަންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.