ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީން ނުވެ ދަތުރުކުރެވޭނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ. މިހާރު އޮންނަ އުޞޫލްގެ ދަށުން މާލެއިން ރަށްރަށަށްދާނަމަ 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަންޖެހެއެވެ. އަދި ކަރަންޓީން ފުރިހަމަކުރުމަސްފަހު ރިލީޒް ސާމްޕަލް ނަގާނެއެވެ. އަދި ރިލީޒް ސާމްޕަލް ނެގެޓިވް ވުމުން މެނުވީ ކަރަންޓީން ނުވީއްލޭނެއެވެ.
ރޭ ދައުލަތުގެ މީޑިއާ، ދިވެހިރާއްޖޭގެ އަޑުން އެހުންތެރިންގެ ސުވާލުތަކަށް ހުޅުވާލައިގެން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަޞީމް ވިދާޅުވީ ދުނިޔޭގެ ބައެއް އެހެން ޤައުމުތަކެކޭ އެއްފަދައިން ދަތުރު ފަތުރުކުރުމުގެ ފަސޭހައަށް ވެކްސިން ޕާސްޕޯޓެއް ތަޢާރަފްކުރަން ނިންމަވާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ވެކްސިން ނުޖަހާނަމަ ދުވަސްކޮޅަކުން ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކާ ކުރިމަތިލުމަކީ ގާތްކަމެއްކަމަށާއި މިހާރުވެސް ބައެއް ޤައުމުތަކުގައި ވެކްސިން ގްރީން ކާޑު ތަޢާރަފްކޮށްފައިވާކަމަށެވެ. އެހެންކަމުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި ކަމުގެ ޔަގީންކަމަށް ކުރިއަތް އޮތް ތަނުގައި ޤައުމުތަކުން އެދޭނެތީވެ ސަރުކާރުގެ ވިސްނުމަކީ ކުރިއަށް އޮތް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ތަޢާރަފްކުރުންކަމަށެވެ.
ދެ ޑޯޒު ފުރިހަމަކޮށް ވެކްސިން ޕާސްޕޯޓް އޮތީވިއްޔާ ދަތުރުކުރުމާއި ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ވެސް ދަތިކަމެއް ނެތި ދެވޭނެ. އޭރަށް ރަށްރަށުގައި ގޮސް ކަރަންޓީންވާކަށް ވެސް ނުޖެހޭނެ.
ހެލްތު މިނިސްޓަރ އަޙުމަދު ނަޞީމް.
އާބާދީ ބޮޑެތި ރަށްރަށަށް ސަރުކާރުން މިހާރު ވެކްސިން ފޮނުވާފައިވާކަމަށާއި، އަމާޒަކީ ބޮޑު އާބާދީ އޮންނަ ރަށްރަށުގައި ވީ އެންމެ އަވަހަކަށް ވެކްސިން ޖަހާ ނިންމާލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ގިނަ އދަދެއްގެ މީހުން ވެކްސިން ޖަހާފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ޖަހަމުންދަނީ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި ރާއްޖޭގައި ދެމުން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒެވެ. ދެވަނަ ޑޯޒް ޖަހައިދޭނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުންނެވެ. އެހެންކަމުން 2 ޑޯޒް ވެކްސިން ފުރިހަމަކުރުމުން ކަރަންޓީން ނުވެ ރަށްރަށަށް ދަތުރުކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ