އެކްސްކަވޭޓަރަކުން ކުރާނެ ކިތަންމެ ބޭނުމެއް އިނގޭނެއެވެ. އެކަމަކު އޭގެން ބުރަކަށި ކަހާލުން ފަދަ ކުޑަކުޑަ ކަމެއް ކުރެވިދާނެ ހެން ހީވެސް ނުވާނެ އެވެ. އެކަންވެސް ކޮށްފިއެވެ. އެ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވުމާއެކު އެތައް ބަޔަކު ހެއްވާލިއެވެ. އެއްބަޔަކު ބުނާގޮތުގައި، މިއީ ވަރަށް ނުރައްކާތެރި ގޮތެކެވެ. އަނެއްބަޔަކު ބުނާގޮތުގައި މިއީ ހަމަ ތަފާތު ކަމެކެވެ. މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ އެ ވީޑިއޯއިން ފެންނަނީ ކޮންސްޓްރަކްޝަން ސައިޓެއްގައި ޕާކްކޮށްފައި އޮތް ޖޭސީބީ މެޝިނެއް ކައިރީގައި މީހަކު ފޮތިގަނޑެއް ބޭނުންކޮށްގެން ބުރަކަށި ކަހާލާ ތަނެވެ. ފަހުން އޭނާ އެކްސްކަވޭޓަރުގެ ދައްގަނޑުގެ ދަށަށް ވަދެ އެވެ. އަދި އޭގައި އިން މީހާ އޭނާގެ ބުރަކަށި އެ ދައްގަނޑު އެހީގައި ކަހާލަ ދެއެވެ.
އެ މަންޒަރު ބަލާފައި ބަޔަކު ހޭއަޑުވެސް އެ ވީޑިއޯއިން އިވެއެވެ. އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު އެތައް ބަޔަކު އެއަށް ލައިކްކޮށް ކޮމެންޓްކޮށްފައި ވެއެވެ. އެގޮތުން ތިން ދުވަސް ތެރޭގައި އެ ވީޑިއޯއަށް ދެ ލައްކަ ވިއުސް ލިބިފައި ވެއެވެ.
މީގެ ކުރިންވެސް އެކްސްކޭޓަރު ބޭނުންކޮށްގެން މިފަދަ މޮޅެތި ވީޑިއޯތައް ހަދައި މީސް މީޑިއާގެ ސަމާލުކަމަށް ގެނައެވެ.