ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވީހާވެސް އަވަހަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖެއްސުމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ގޮވާލައްވައިފިއެވެ.
ޢަލީ ޙުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯވިޑްގެ އާ ވޭރިއަންޓް ތަކުގެ ނުރައްކަލަށްވެސް އެެންމެ ބޮޑަށް ހުށަހެޅޭ ބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން.ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް އެ މީހުންނަށް ވެކްސިން ލިބޭނެ އިންތިޒާމްތައް ރިސޯޓުތަކުގައި ހަމަޖެހިގެން ދިއުން އިންތިހާއަށް މުހިންމުކަމަށް މެންބަރު ޢަލީ ޙުސައިން ވިދާޅުވިއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ކޯވިޑްގެ އައު ވޭރިއަންޓް އުޅޭކަން ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އައު ވޭރިއެންޓްގައި ތަފާތު ޤައުމުތަކަށް ނިސްބަތްވާ ވައްތަރުތައް އުޅޭއިރު، ރާއްޖޭގައި އުޅޭނީ އޭގެތެރެއިން ކޮން ޤައުމަކަށް ނިސްބަތްވާ ކޮން ވައްތަރެއްގެ އައު ވޭރިއެންޓެއްކަމެއް ސަރުކާރުން ހާމަކޮށްފައެއްނުވެއެވެ.
ކޮވިޑްގެ އާ ވޭރިއަންޓް ތަކުގެ ނުރައްކަލަށްވެސް އެެންމެ ބޮޑަށް ހުށަހެޅޭ ބަޔަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުން. ވީމާ، ވީހާވެސް އަވަހަކަށް އެ މީހުންނަށް ވެކްސިން ލިބޭނެ އިންތިޒާމްތައް ރިސޯޓުތަކުގައި ހަމަޖެހިގެން ދިއުން އިންތިހާޔަށް މުހިންމު.
— Ali Hussain (@AleeVoice) March 4, 2021
މިހާތަނަށް ދުނިޔޭގައި އުފަންވެފައިވާ ކޯވީޑްގެ އައު ވޭރިއަންޓްތަކުގެ ތެރޭގައި އިންގިރޭސި ވައިރަހަކާއި، ބްރެޒިލްގެ ވައިރަހަކާއި، ސައުތު އެފްރިކާގެ ވައިރަހަކާއި އަދި އެނޫންވެސް ބައެއް ޤައުމުތަކުން އުފަންވާ އައު ވައްތަރުގެ ވޭރިއަންޓްތައް ވަނީ ދެނެގަނެވިފައެވެ. އައު ވޭރިއަންޓްގެ ސަބަބުން ކޯވިޑް-19 ފެތުރުން އެތައް ގުނައެެއް އިތުރުވާކަން ދިރާސާތަކުން ވަނީ ދައްކާފައެވެ.
ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށް ވީހިނދު، ރާއްޖޭގައި އެ ސިނާއަތުގައި މަސައްކަތްކުރާ މިހުންނަކީ ފަތުރުވެރިންނާއި ނުވަތަ ބޭރުން ރާއްޖެ އަންނަ މީހުންނާ އެންމެ ކައިރިން މަސައްކަތްކުރާ މީހުންނެވެ. އެޗްޕީއޭއިން ކޮންމެ ދުވަހު އާންމުކުރާ ތަފާސް ހިސާބުތަކުގައިވެސް ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާއިރު، ބަލި ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެންވެސް ބަލީގެ ޙާލަތު ރަނަގޅުނުވެގެން އުޅޭތާ މިހާރުވަނީ މަހަކަށްވުރެ ގިނަ ދުވަސްވެފައެވެ. ކޯވިޑް-19ގެ މިިހާރުގެ ޙާލަތަށް ބަލާއިރު ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ހައިރިސްކު އެއް ޤައުމުކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޯވިޑް-19 ދިފާޢު ވެކްސިން ފެން ފަށާފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިހާތަނަށް 137،124 މީހަކަށް ވަނީ ވެކްސިން ދީފައެވެ.
ކޮމެންޓު ފޮނުވާ